ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބިނާވެށި ބިލުން ހުރިހާ ބާރެއް ލިބެނީ ޕްލޭނިން މިނިސްޓްރީއަށް: ބޮންޑޭ
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުން ހުރިހާ ބާރެއް ލިބެނީ ޕްލޭނިން މިނިސްޓްރީއަށް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މި ބިލު ހުށަހަޅާފައިވާ މަގްސަދާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ މި ބިލު މިހާރު އޮތްގޮތަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. 

އެގޮތުން އިބްރާހިމް ރަޝީދު ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ19 ގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ވަދެތިބީ އެޖެންޑާ19 ގެ ވައުދުތައް ވިއްކައިގެންކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ ބިނާވެށީ ޕްލޭނެއް ހަދާއިރު އަނެއްކާވެސް މި ހެދެނީ އޮނިގަނޑެއް ކަމަށެވެ. 

"މީގަ [ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު] ނެތް އެއްކަމެއްވެސް، ހާސިލު ކުރެވޭނެ އެއްކަމެއްވެސް. ބިން ހޯދަން އުޅޭ މީހާ ވަޒީރަށް ސަލާންޖެހުން ފިޔަވާ އިތުރު އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނޭ."

އިބްރާހިމް ރަޝީދު ވިދާޅުވީ 2002 ވަނަ އަހަރުގެ ބިންވެށި ގަވައިދުގައި މިހާރު މިއޮތް ބިލަށްވުރެއް ކަންކަން ސާފުކޮށް ލިޔެފައިވާކަމަށެވެ. 

މީގެ އިތުރުން ވިދާޅުވީ މިހާރު މިއޮތް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު އޮތްގޮތުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު "ފުށުންޖަހާފައި"ވާ ކަމަށެވެ.

"ހުރިހާ ބާރެއް އަނެއްކާވެސް މިއޮތީ ޕްލޭނިން މިނިސްޓްރީދަށަށް ގެނެސްފަ."

އިބްރާހިމް ރަޝީދު ވިދާޅުވީ އެޖެންޑާ19 އަކީ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށާއި، އެއީ ސަމާސާއެއްނޫން ކަމާއި އެކަން ފުއްދަން ޖެހޭކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ބިނާވެށި ޕްލޭން ބިލުން ރައްޔިތުންނަށް ގޯތި ދޭނެ ވާހަކަ ފެންނަންނެތް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ބިލު ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމަށް ގޮވާލާކަމަށެވެ. 

އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު މި ބިލު އޮތްގޮތަށް ފާސްކޮށްފި ނަމަ ރައްޔިތުން އުޅެންޖެހޭނީ ޕްލޭނިން މިނިސްޓްރީ ދޮށުގައި ސަލާންޖަހަން ކަމަށެވެ. އަދި މި ބިލުގެ ދަށުން ބޯހިޔާވަހިކަމާއި ދަނޑުބިންތަކާއި ކަންކަމަށް ބިން ދެވޭނެ ގޮތް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް