ads
އެޗްއާރްސީއެމްގެ މެމްބަރުން--
ޓޯޗާ މައްސަލަތައް ބެލުމުގައި ދިމާވާ ދަތިތައް ޕީޖީއާ ހިއްސާކޮށްފި
ޓޯޗާ ނުވަތަ ބޮޑެތި އަނިޔާ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތައް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެޗްއާރްސީއެމުން ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރާ ޓޯޗާގެ މައްސަލަތައް ގާނޫނީ މުއްދަތުގެ ތެރޭގައި ނިންމުމަށް ބައެއް ދަތިތަކާ ދިމާވާ ކަމަށެވެ.

އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގު ކުރާ އެ މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް މިހާރު ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކުރަން ޕީޖީ އޮފީހުން ތާއީދުކޮށްފައި ވާތީ އެޗްއާރްސީއެމުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

އެ ކޮމިޝަނުން ބުނީ އެފަދަ ތަފާސްހިސާބު އާއްމު ކުރުމުން އެޗްއާރްސީއެމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކަށް ހާއްސަ ކުރަންވީ އަތޮޅުތަކާއި ރަށްތައް ދެނެގަންނަން ފަސޭހަ ވާނެ ކަމަށެވެ. 

ރިމާންޑް ބަންދުގައި ތިބޭ މީހުންނަށް ލިބެން ޖެހޭ އިނާޔަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެމީހުންގެ ޝަރީއަތް އަވަސް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޕީޖީ އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްއާރްސީއެމުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިހާރު އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 66 މައްސަލައަކީ ގައިދީންނާ ގުޅުން ހުރި މައްސަލަތަކެވެ. އަދި 111 މައްސަލައަކީ ޖަލުތަކުން ސިއްހީ ފަރުވާ ނުލިބުމުގެ މައްސަލަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް