ads
ކޮވިޑް ވެކްސިން
ކޯވެކްސް ފެސިލިޓީން ރާއްޖެއަށް ވެކްސިން ލިބޭނެ: މިނިސްޓަރު އަމީރު
ކޮވިޑް-19 ވެކްސިނާ ގުޅިގެން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ އަށް ވެސް ވެކްސިން ހަމަޖެހިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 ގެ ވެކްސިން ހޯދުމަށް ޑަބްލިއުއެޗްއޯ އާއި ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ކޯވެކްސް ފެސިލިޓީއެއްގެ ގޮތުގައި 146 ގައުމެއްގެ ބައިވެރިވުމާއިއެކު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، މި ފެސިލިޓީގެ ދަށުން ރާއްޖެއަށް ވެސް ވެކްސިން ހަމަޖެހިގެން ދާނެ ކަމަށް އަމީރު ވިދާޅުވި އެވެ. 

"ޑަބްލިއުއެޗްއޯ އާއި ބޭރުގެ ޖަމިއްޔާތަކުން ގުޅިގެން ކޯވެކްސް ފެސިލިޓީއެއްގެ ގޮތުގަ އެބަ މަސައްކަތްތަކެއް ކުރޭ. އަޅުގަނޑުގެ މައުލޫމާތު ދޮގު ނޫންނަމަ 146 ގައުމަކުން މީގަ އެބަ ބައިވެރިވޭ. ރާއްޖެއަކީ ވެސް މީގެ ޕާޓިސިޕެންޓެއް. އިރާދަކުރެއްވިއްޔާ މީގެން އަޅުގަނޑުމެންނަށް ވެސް ވެކްސިން ހަމަޖެހިގެން ދާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ. 

ވެކްސިން ގަތުމަށް ބޭނުންވާ ފައިސާ އެބަހުރިތޯ ސުވާލުކުރުމުން އަމީރު ވިދާޅުވީ، ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ވޯލްޑް ބޭންކާއިއެކު މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން ކޮމިޓްމަންޓެއް ގެއްގުޅޭ ކަމަށެވެ.

ކޮވިޑް-19 އަށް ކާމިޔާބު ވެކްސިންއެއް ހޯދޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ދާދި ފަހުން ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފަ އެވެ. 

އެގޮތުން ޑަބްލިއުއެޗްއޯގެ ބެލުމުގެ ދަށުން ހިންގާ ކޮވެކްސް އިން ނުވަ ވެކްސިނެއްގެ މަރުހަލާތައް ދިރާސާކޮށް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. ކޯވެކްސްއިން އަމާޒު ކުރަނީ އަންނަ އަހަރުގެ ނިޔަލަށް ވެކްސިންގެ ދެ ބިލިއަން ޑޯޒް ތައްޔާރު ކުރުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް