ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ނޫން ވަޒީރުން މަސައްކަތް ކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުން: އަލީ އާޒިމް
ރިޔާސީ އިންތިހާބަށް ނިކުންނާނީ އެމްޑީޕީ ވަކިންތޯ އަވަހަށް ނިންމުން މުހިންމު: އާޒިމް
ވަޒީރުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ ނޫން ވަޒީރުން މަސައްކަތް ކުރައްވަނީ "އަމާބުނީތީ ފަރަށްދާ އުސޫލުން" ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ހަބަރު ސިޓީ"އަށް ލިޔުއްވާފައިވާ ލިޔުމެއްގައި އަލީ އާޒިމް ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގެ މަސައްކަތަކަށްވެސް ވާނީ ވެރިކަމަށް އައުމަށް ކަމަށެވެ. މި ސަރުކާރަށް ދެ އަހަރު ވުމަށް ކައިރިވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަލަމަތި މިހާރު ފެންނަންފަށާފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

އަލީ އާޒިމް ވިދާޅުވީ މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއްކަމުގައި ވީނަމަވެސް ރައްޔިތުން ދެކެނީ މިއީ އެމްޑީޕީގެ ވެރިކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް ރައްޔިތުން ދީފައިވަނީ އެމްޑީޕީއަށް ކަމަށާއި، އަދި ސަރުކާރު ތެރެއިން ހިންގާ ކަންކަމުގައި ވެސް އިނގިލި ދިއްކުރަނީ އެމްޑީޕީއާ ދިމާލަށް ކަމަށެވެ. 

"ސަރުކާރުގެ އޮފީހަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ޖާއިޒު ނޫން ކަމެއްކުރާ ކޮންމެ ފަހަރަކު އެކަމެއްކުރީ ނުވަތަ އެ އަމެއް ހިނގީ ސަރުކާރުގައި ހިމެނޭ މިވެނި ޕާޓީއެއްގެ މީހެކޭ އެކަކުވެސް ނުބުނާނެއެވެ. އިނގިލި ދިއްކުރާނީ، ނޫންނަމަ ބަދުނާމު އަޅުވާނީ އެމްޑީޕީގެ ބޮލުގައެވެ. މިއީ ކޯލިޝަން ސަރުކާރެއްނަމަ އަޅުގަނޑަށް ސިފަވަނީ މިއީ "ކޯލިޝަން އިފް ދަ އިންވިލިންގް"ގެ ގޮތުގަ އެވެ." އަލީ އާޒިމް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ގޮތަކުން ބަލާއިރު ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުން މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ހެޔޮ ސަރުކާރެއްކަމަށް ދެއްކުމަށް މަސައްކަތް ކުރައްވަންވީ އެއްވެސް ސަބަބެއް އޮތްތޯ އަލީ އާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތްތައް "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަމެވެ." އަލީ އާޒިމް ލިޔުއްވާފައިވެ އެވެ.

އަލީ އާޒިމް ވިދާޅުވީ ވަޒީރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިބި އެމްޑީޕީ ނޫން ފަރާތްތައް މަސައްކަތްކުރަމުން ދަނީ އެ ފަރާތްތައް ނިސްބަތްވާ ޕާޓީ ވަރުގަދަކޮށް ތަފާތު އިންތިޒާމުތައް ހަމަޖައްސާ 2023ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ބާކީވެ މަގުމަތިވެ ޕާޓީއާއި މެދު މާޔޫސްވެ ފޫހިވެފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

"އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނިކުންނާނީ ވަކިންތޯ ނޫންނަމަ ކޯލިޝަނަކާ އެކީގައިތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހިފައިވާ މުހިންމު ނިންމުމެކެވެ." އަލީ އާޒިމް ލިޔުއްވާފައިވެ އެވެ.

އަލީ އާޒިމް ވިދާޅުވީ އެހެން ނޫންނަމަ ވާދަވެރި ޓީމްތަކުން ކުޅުންތެރިން ގޮވައިގެން މެޗް ކުޅެން އަރައިފިނަމަ ބައިކޮޅަށް ގޯލްޖަހާތަން ފެންނާކަމަށެވެ. އޭރުން މެޗުން ފައިބަންޖެހޭނީ ބަލިވެ އަނިޔާތަކާއެކު ރޮމުން ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް އަލީ އާޒިމް ވިދާޅުވީ އެއްވެސް ވަޒީރަކާއި މެދުވެސް އަދި އެހެންވެސް ފަރާތަކާއި މެދުވެސް ހިތްނުތަނަވަސްކަމެއް ނެތްކަމަށެވެ. އަދި މިފަދައިން ލިޔުމެއް ހިއްސާކުރަންޖެހުނީ އެމްޑީޕީއާ ދިމާލަށް ނަގަމުންދާ ވިލާގަނޑުގެ ވަރުގަދަކަމުން ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް