ads
ބީއެމްއެލް--- ފޮޓޯ: ސީއެންއެމް
ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކުން ބުނީ މިހާރަކަށް އައިސް ކަސްޓަމަރުންނަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވާ ކަމަށާއި، އެފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ބައެއް ޕޭޕަލް މާޗަންޓުން ބްލޮކް ކޮށްފައި ކަމަށެވެ. 

އަދި އެއީ އާންމު އުސޫލުގެ މަތިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބޭންކުން އެޅި ފިޔަވަޅެއް ކަމަށާއި އެ މާޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަައި ކަމަށް ވެސް ބުނެ އެވެ.

އެގޮތުން ބީއެމްއެލް އިން މިހާރު ވަނީ ޕޭޕަލްގައި ހުރި ހުރިހާ މާޗަންޓުން އަންބޮލޮކް ކޮށްފައި ކަމަށާއި އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެ ކަމަށް ބުނެ އެވެ. 

އެހެން ނަމަވެސް، ބީއެމްއެލް އިން ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި މާޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެ ކަމަށް ވެސް ބުނެ އެވެ. 

ބީއެމްއެލް އިން އިތުރަށް ބުނީ އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކުއާ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއް ކަމަށެވެ. އަދި ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ވެސް އެދިފައިވާއިރު އެގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް