ads
އަދަދުތައް ދަށަށް–މިއީ އެންމެ ސަމާލުވާންވީ ވަގުތު
މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަހަރެމެން އެންމެން ދެ މަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާ އެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިން ވެސް މެ އެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާ އެކު އަހަރެމެންނަށް މާ ބޮޑު ބެލުމެއް ނެތި އުޅެވެން ފެށުނެވެ.

އެ ދުވަސްވަރު ރާއްޖޭގެ ކުޅަދާނަ ޑޮކްޓަރަކު ވަރަށް މައުނަވީ ޓްވީޓެއް ކުރެއްވި އެވެ. އެ ޑޮކްޓަރުގެ ބަހުން ނަމަ، ފެންނަނީ ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔާ ފޮނުވާލާ ޕެނަލްޓީ ޝޮޓެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ގޯލްކީޕަރު އުފާފާޅުކުރަން ފެށި މަންޒަރެވެ. އޭނާ އެ ފޯރީގައި ހުއްޓާ އެ ބޯޅަ ފެނުޖެހިފައި ގޮސް ގޯލަށް ވަނީ އެވެ. ކީޕަރު އެ ވަގުތު އުފާފާޅުނުކޮށް ބޯޅަ އެއްކޮށް މަތަވަންދެން މަޑުކުރި ނަމަ ބޯޅަ ގޯލަށް ނުވަދެ ސަލާމަތްކުރެވުނީހެވެ.

އެ ޑޮކްޓަރު އަހަރެމެންގެ ސަމާލުކަމަށް އެ ގެނެސްދެއްވީ މުހިއްމު މެސެޖެކެވެ؛ ފުރަބަންދު އުވާލިޔަކަސް އަދި މިކަން ނިމުނީ ނޫން ކަމެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށަށް ދިޔައަސް އަދި އުފާފާޅުކުރަން ނުޖެހޭ ކަމެވެ. ހަގީގަތުގައި ކުރިން ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވި ދުވަސްވަރު އަހަރެމެންނަށް އިތުރަށް ސަމާލުކަން ދެވުނު ނަމަ، ފަހަރުގައި މިކަމުން އަހަރެމެންނަށް މިހާރު އޮތީހީ ވަރަށް ބޮޑަށް އަރައިގަނެވިފަ އެވެ.

އަހަރެމެންނަށް އޭރު އަމަލުތައް ބެހެއްޓުނީ މުޅިން އެހެން ގޮތަކަށެވެ. ނަތީޖާއަކަށް ވީ، ސަމާލުނުވެވި ތިއްބާ، ކޮވިޑުގެ ނަމްބަރުތައް އަނެއްކާވެސް މައްޗަށް ދާން ފެށުމެވެ. އަނެއްކާވެސް ބޮޑު ޕީކެއް އައިސް އެންމެން ހާސްކޮށްލި ތަނެވެ.

ސަރުކާރަށް ވެސް ދެން ޖެހުނީ އިތުރު ފިޔަވަޅުތަކެއް އަޅާށެވެ. ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ބޭރުގައި އުޅުން މަނާކުރި އެވެ. އަދި ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ދުއްވާއެއްޗެހި ދުއްވުން މަނާކުރި އެވެ. އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަކުރި އެވެ. ގެސްޓްހައުސްތައް ހުޅުވުން ފަސްވެ އަދި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ ވިޔަފާރި ދަށްވެ، މަޑުމަޑުން ރަނގަޅުވާ އަތަށް އަޅާފައި އޮތް ގައުމުގެ އިގްތިސާދު އަނެއްކާވެސް ވެންޓިލޭޓަރަށް ލާން ޖެހުނެވެ. އެތައް ބަޔެއްގެ އާމްދަނީ ހުއްޓުނުނީ އެވެ. ސްކޫލްތައް އަލުން ބަންދުކޮށް، ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރީ އެވެ.

ހައްތަހާ ވެސް އަހަރެމެންނަށް ސަމާލުކަން ނުދެވުމުގެ ނަތީޖާ އެވެ!

ފިޔަވަޅުތަކާ އެކު އަނެއްކާވެސް މަޑުމަޑުން މިދަނީ އާ އާއްމު ހާލަތަކާ ދިމާލަށެވެ. ކޮވިޑުގެ ނަމްބަރުތައް ތިރިވެއްޖެ އެވެ. އެގޮތުން،ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭ އިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ވަނީ ދަށްވެފަ އެވެ. މި ސްކޯ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.

މިދިޔަ އޮގަސްޓް މަހުގެ 12 އިން 18 އާ ދެމެދު މި ސްކޯ ނުވައަކަށް އެރި އެވެ. އެ އަށް ވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލްކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ހިސާބު ކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅާފަ އެވެ. ލުއިތަކާ އެކު ކުރިއަށްދެވޭ ހިސާބަށް ނުވަތަ "މޫވް އޭޒް އިން އީޒް ޕްލޭން" މިންގަނޑަށް އިންޑިކޭޓާ ސްކޯ ދަށްވެފައި މި ވަނީ،ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 15 ވަނަ ހަފުތާ އިން ފެށިގެން (ޖުލައި 22 އިން ފެށިގެން) "ރެސްޓްރިކްޓިވް މެޝާސް" ގެ މިންގަނޑުގެ ތެރޭގައި ހުރުމަށް ފަހުގަ އެވެ.

މި ފެހި ސިގްނަލާ އެކު، ސަރުކާރުން ވަނީ އަނެއްކާވެސް ވަރަށް ބޮޑު ލުޔެއް ދީފަ އެވެ. ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކުކުރި ކުރިން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، މިހާރު އެއްޗެހި ދުއްވުން މަނާވާނީ ހަމައެކަނި ރޭގަނޑު 10 އިން ފަތިހު ފަހަކަށެވެ. މާނަ އަކީ، އަނެއްކާވެސް އިގްތިސާދީ ހަރަކާތްތައް ފުޅާވުމެވެ.

އެކަމަކު، މި ދަނޑިވަޅުގައި އަހަރެމެން ކުރިމަތިލާން ޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބަ އޮތެވެ. މިއީ އެންމެ ސަމާލުވާންވީ ވަގުތު ކަމަށް ވުމެވެ. މި ފަހަރު ވެސް ނަމްބަރުތައް ތިރިވާން ފަށާ ތަނުން، އަދި ލުއިތައް ދޭން ފެށުމާ އެކު އަހަރެމެންނަށް ސަމާލުނުވެވިއްޖެ ނަމަ ތިން ވަނަ ރާޅެއް ބިންދާލުން ވަރަށް ކައިރި އެވެ. އޭރުން މި ހުރިހާ ދުވަހު ވީ ގުރުބާނީ ފެނަށް ވެގެން ހިނގައިދާނެ އެވެ. ދެން އިތުރު ރާޅެއް ބިންދާލައިފި ނަމަ، އެތައް ވިޔަފާރިތަކަކާއި އެތައް ބައެއްގެ ދިރިއުޅުން ގެނބިގެން ދިއުން ގާތެވެ!

މި ވަގުތު އަހަރެމެން އިތުރަށް ސަމާލުވާންވީ މުހިއްމު ދެތިން ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، ގެސްޓްހައުސްތަކުގެ ވިޔަފާރި މާލެ ސަރަހައްދުގައި ފެށުމަށް ފުރުސަތު ދެވެން އޮތީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ފަސް ޕަސެންޓުގައި ދެ ހަފުތާ ހިފެހެއްޓިގެން ކަމަށް ވުމެވެ. ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން މިވަގުތު ނުފެށި އޮތް އެންމެ ބޮޑު ހަރަކާތަކީ ގެސްޓްހައުސް އޮޕަރޭޝަނެވެ. ގެސްޓްހައުސްތައް ނުހުޅުވި ލަސްވާ ލަސްވުމަކީ ރާއްޖޭގެ މެދު ފަންތީގެ އެތައް ވިޔަފާރިވެރިންނަކަށް އޭގެ ނުރަނގަޅު އަސަރުކޮށް، ސީދާ ގޮތުން އާއްމުންނަށް ލިބޭނެ ގެއްލުމެވެ. އެހެންވެ ގެސްޓްހައުސްތަކަށް ފަހި ފުރުސަތެއް ދިނުމަށް މި ވަގުތު އަހަރެމެން ސަމާލުވާން ޖެހެ އެވެ.

ހަމަ އެ ގޮތަށް، ސްކޫލްތަކަށް ފުރުސަތު ދެވެން އޮތީ ވެސް ހާލަތު ރަނގަޅުވެގެންނެވެ. ސްކޫލްތައް މެދުކެނޑުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ދަރިވަރުންގެ ކިޔެވުން އެތައް މަހެއް މިވަނީ ފަހަތަށް ގޮސްފަ އެވެ. އިތުރަށް ފަސްވެއްޖެ ނަމަ، އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވެދާނެ އެވެ. އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނަށް އަސަރުކޮށް، ދަރިވަރުންގެ މުސްތަގުބަލަށް ނޭދެވޭ ގޮތްތަކެއް ވެދާނެ އެވެ. އެހެންވެ، ސްކޫލްތައް އަލުން ހުޅުވާފައި އޮތް އޮތުން އެގޮތުގައި ކުރިއަށް ގެންދެވެން އޮތީ ވެސް ހަމަ އަހަރެމެން އިތުރަށް ސަމާލުވެގެންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ޑިސެމްބަރު މަހު އަންނަ ޓޫރިސްޓް ސީޒަން ފެށެންވާއިރަށް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ނަމަ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. އެކަމަކު، އެކަން ގުޅިފައި ވަނީ، ރާއްޖޭގެ އެތެރޭގެ ހާލަތާ އެވެ. މާނަ އަކީ ރާއްޖޭގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވާ ނަމަ، ޓޫރިސްޓުން މި ތަނަށް އަންނަން ފަސްޖެހޭނެ ކަމެވެ. އެހެންވެ، މި ވަގުތު ސަމާލު ނުވެވި ހާލަތު ގޯސްވެއްޖެ ނަމަ، ޑިސެމްބަރު މަހު ސީޒަނާ ކުރިމަތިލާއިރު ރާއްޖޭގެ ޓޫރިޒަމް ހަމަ އިސްކޮޅަށް ތެދުވަން ފުރުސަތު ނުލިބޭނެ އެވެ. މި ވަގުތު ސަމާލުވާން ޖެހޭ ތިން ވަނަ ސަބަބަކީ އެއީ އެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި،ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ، އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅު މަސް ފަހުންނެވެ. އެއީ އޭގެ ޒާތުގައި އުފާވެރި ޚަބަރެކެވެ. މިނިސްޓަރު އެ ދެއްވީ، އަހަރެމެން މި ވަގުތު ސަމާލުވެއްޖެ ނަމަ، އަދި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލްވެ، އާއްމު ހާލަތަކަށް ދެވިދާނެ ކަމުގެ ފެހި ސިގްނަލެވެ.

ރާއްޖޭގެ ހާލަތު ހަގީގަތުގައި ވެސް މި ވަގުތު ރަނގަޅެވެ. އޭގެ ހެއްކެއްގެ ގޮތުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން މި މަހުގެ ފަސް ވަނަ ދުވަހު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވަނީ ވެފަ އެވެ.

އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސް މީހަކު މިހާރު އެޑްމިޓުކޮށްފައި ނެތް ކަމަށާއި އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ވެސް އޮތީ އެކަކު ކަމަށެވެ. ހުޅުމާލޭގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 58 މީހަކު ތިބިއިރު އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ. ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ތިބީ ހަ މީހެކެވެ. އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ. އެހެންވެ، މިވަގުތު އެޑްމިޓު ކޮށްފައިވާ މީހުންގެ ޖުމްލައަކީ 65 އެވެ.

"މިވަގުތު އިރާދަކުރެއްވިއްޔާ އައިސީޔޫގައި އެއްވެސް މީހަކަށް ފަރުވާދެވެމުންނެއް ނުދޭ. އޭގެ މާނަ އަކީ ވެންޓިލޭޓަރުގައި ވެސް މިވަގުތު އެއްވެސް މީހަކު ނެތޭ. ވޭތުވެދިޔަ ހަތަރު ދުވަހު، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން އައިސީޔޫގައި އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ފަރުވާދޭން ޖެހިފައެއް ނެތް. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް މިވަނީ ކޮންމެވެސް މިންވަރަކަށް ދަށް ވެފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް 100 އިން ދަށުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

އެކަމަކު މިނިސްޓަރު އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑުގެ ކޭސްތައް މިހާރު އިތުރުވަމުން ނުދިޔަ ކަމަށް ވިޔަސް 40 އާ ހަމައަށް ދަށަށް ދާން އަދި ދޮޅު މަސްދުވަސް ހޭދަވާނެ އެވެ. އެ އަދަދަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލި ކޮންޓްރޯލްކުރުމުގައި ބެންޗުމާކެއްގެ ގޮތުގައި ބަލާ އަދަދެވެ.

"އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރަނީ މިހާރު ދާ ރޭޓުގައި، ކޭސަސް އިންކްރީޒް ނުވި ކަމުގައި ވިޔަސް، މި ދެންނެވި ބެންޗުމާކާ ހަމައަށް، 40 އާ ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް، އިތުރު ވޭވެއް ނައިސްފި ކަމަށް ވަންޏާ،" އަސްލަމް ވިދާޅުވި އެވެ.

ދިވެހި ހަރުބަހެއްގައި ބުނެ އެވެ؛ ނެރެއްހާތަން ދީފިއްޔާ، ކެނބެއްހާ ތަން ދަމައިގަންނާނެ އެވެ. ތެދެކެވެ. ކުޑަކުޑަކޮށް ފަރުވާކުޑަކޮށްލެވުނަސް ވަރަށް ބޮޑު ތަނެއް އަތުން ދާނެ އެވެ. އެހެންވެއްޖެ ނަމަ އެ ބޭކާރު ކުރެވެނީ މިދިޔަ ދޮޅުމަހެއްހާ ދުވަހުވީ ގުރުބާނީ އެވެ. އަލުން އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދާނެ އެވެ. އެހެންކަމުން، އަދަދުތައް ދަށަށް ދާ މި ވަގުތަކީ އެންމެ ސަމާލުވާންވީ ވަގުތެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް