ads
ސުއަރޭޒް ބާސާގައި ފަހު ދުވަސްކޮޅު ހިތްދަތި ކަމަށް ބުނި
ބާސާގެ ފަހު ދުވަސްކޮޅު ޖެހުނީ ހަމަ "ގަނަތެޅެން": ސުއަރޭޒް
ބާސެލޯނާގައި ހޭދަކުރި ފަހު ދުވަސްކޮޅު ޖެހުނީ ހަމަ "ގަނަތެޅެން" ކަމަށް އުރުގުއޭގެ ލުއިސް ސުއަރޭޒް ބުނެފިއެވެ. ބާސެލޯނާއިން ސުއަރޭޒް ވިއްކާލީ އެންމެ ހަތް މިލިއަން ޑޮލަރަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ.

ހަ އަހަރު ދުވަހު ބާސެލޯނާއަށް ކުޅުމަށް ފަހު އެ ކްލަބުން ދޫކޮށްލުމުން އެތްލެޓިކޯއަށް މިހާރު ކުޅޭ ސުއަރޭޒް ބުނި ގޮތުގައި އޭނާ ބާސާގައި ހޭދަކުރި އެންމެ ފަހު ދުވަސްކޮޅަކީ ވަރަށް ހިތްދަތި ދުވަސްކޮޅެކެވެ. އަދި އެ ހިތްދަތިކަމުގައި އެތައް ދުވަހަކު ގެއަށް ގޮސް އެތައް އިރަކު ރޯން ޖެހުނު ކަމަށްވެސް ސުއަރޭޒް ބުންޏެވެ.

އަހަރެން ބާސާގައި ހޭދަކުރި އެންމެ ފަހު ދުވަސްކޮޅު ހަމަ ގަނަތެޅުނީ. އެއީ ވަރަށް ހިތްދަތި ވަރަށް އުނދަގޫ ދުވަސްތަކެއް. ސީނިޔަ ޓީމާއި އެކު އަހަރެންނަށް ފަރިތަކުރަންވެސް ހުއްދަ ނުލިބުނު. އެއީ ދުވަހަކުވެސް ހިތުން ފިލާނެ ހިތްދަތިކަމެއް ނޫން.

ބާސާއިން ސުއަރޭޒް ދޫކޮށްލުމުގެ މަރުހަލާގައި ކަންތައް ކުރި ގޮތާއި މެދު އެ ކްލަބުގެ ކެޕްޓަން މެސީ ވެސްވަނީ ހިތްހަމަ ނުޖެހިފައެވެ. މެސީ ބުނެފައިވަނީ ކްލަބް ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސެލޯނާ އިން ކޮށްދީފައިނުވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒްގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވާ ބާސާއިން ކޮންޓްރެކްޓް ބާތިލުކުރުމުން ސުއަރޭޒް ބަދަލުވީ ވާދަވެރި އެތްލެޓިކޯއަށެވެ. 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ސުއަރޭޒްވަނީ އެ ޓީމާއި އެކު 13 މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ތިން ކުޅުންތެރިންގެ ތެރޭފައި ސުއަރޭޒް ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް