ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުރީގެ ދަރަނި މިސަރުކާރަށް ދައްކަން ޖެހުނުއިރު އާމްދަނީއެއް ނެތް: ނަޝީދު
ކުރީގެ ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތައް ދައްކަން ޖެހިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭއިރު އެވަަރަށް އާމްދަނީގައި ނެތުން ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސަރުކާރުން ނަގާފައިވާ ގިަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން ޖެހިފައިވަނީ މި ސަރުކާރަށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އޭގެ ތެރެއިން ގިނަ ލޯނުތައް ދައްކަން ޖެހެނީ 2021 އިން 2023 އަށް ކަމަށެވެ. އެކަމަކު މިވަގުތު ސަރުކާރުގައި އާމްދަނީއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މިއަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012-2018 ގެ ދަރަނި އިތުރު ޖޫރިމަނާއަކާއި ނުލާއި ރިސްޓްރަކްޗާ ކުރުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާފައިވާތީ މީގެ ކުރިން ވެސް ނަޝީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އެކަމަކު މިފަހުން ނަޝީދު ވަނީ އިންޑިއާ އިން ނަގާ ލޯނުތައް ދިފާއުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. 

ނަޝީދު ވިދާޅުވީ އިންޑިއާއިން ނަގާ ލޯނާއި ޗައިނާއިން ނަގާ ލޯންތަކުގައި ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށާއި އެގޮތުން އިންޑިއާއިން ނަގާ ލޯންތައް ޓެންޑާ ކުރެވެނީ ރާއްޖޭގެ ޓެންޑާ ބޯޑުންކަމާއި އެކަން ވަނީ ދެފުށްފެންނަ ގޮތަށް ކަމަށް ވިދާޅުވެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި އުޅެނީ 73.9 ބިލިއަން ރުފިޔާގަ އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުން ލަސްކުރެވިއްޖެ ނަމަ ހަތަރު ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން މިނިސްޓަރު ވަނީ ރާއްޖޭގެ ދަރަނި ދެއްކުން ލަސްކުރެވިއްޖެ ނަމަ ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރު ނިމޭއިރު ހުންނާނީ ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް