ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
ގާސިމް މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ގާސިމް މަރާލި މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ތަވާލުކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. 

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ކުށަށް އިއުތިރާފްވުމަށް ފަހު މިއަހަރުގެ ފެބްރުއަރީ 18 ގައި ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރުކޮށް، ފުލުހުންނަށް ބޮޑު ތުހުމަތެއް ކޮށްފަ އެވެ.  

އޭނާ ބުނީ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ކުރިން އިއުތިރާފްވީ މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ. އަދި އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށް ވެސް ތުހުމަތު ކުރި އެވެ. އަދުހަމް ބުނީ އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށެވެ. 

އެ ތުހުމަތާ ގުޅިގެން ފުލުހުން ބުނީ އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ދައްކާފައި ވަނީ "އެއްވެސް އަސްލެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށެވެ.

ގާސިމް މަރާލި ކަމަށް އަދުހަމް ކުރިން އިއުތިރާފްވެފައި ވާތީ ފެބްރުއަރީ 18 ގެ އަޑުއެހުން ތާވަލް ކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަދުހަމްގެ މައްޗަށް ހުކުމް އިއްވައިި، ވާރިސުންގެ ބަސް ހޯދައި، އަދަބު ކަނޑައެޅުމަށެވެ. ނަމަވެސް އަދުހަމް ކުށަށްވީ އިއުތިރާފް އަނބުރާ ގެންގޮސްފައި ވާތީ ދައުލަތުން ވަނީ އަދުހަމާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މި މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް އެދިފަ އެވެ. 

ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް