ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް: ރައީސް
ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އިން "ދަ ބިގް އިވެންޓް ފޯ މެންޓަލް ހެލްތް" ގެ ނަމުގައި ބޭއްވި ހަރަކާތުގައި ދިވެހި ބަހުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ މަޑުޖެހުމަށްފަހު މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު ކުރިއަށް ވުރެއް ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިޔަތުކަން ދޭންޖެހިފައިވާ ކަމަށެވެ. 

ރައީސް ސޯލިހް ވަނީ މުޖުތަމައުގައި ނަފްސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހިތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދެމުންދާ ފަރާތްތަކަކީ ހީވާގި ބަތަލުންތަކެއް ކަމަށާއި، އެފަރާތްތަކުގެ މަސައްކަތްވެސް ފާހަގަކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރަމުން އަންނައިރު ވިސްނާލަންޖެހޭ އެއްކަމަކީ މީހާގެ ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް ކަމަށެވެ.

"އެހެން ބަލިތަކެކޭވެސް އެއްފަދައިން ނަފްސާނީ ބަލިތަކުންވެސް އަރައިގަތުމަށް އޮތް ރާސްތާ ފެށެނީ މުޅި މުޖްތަމައުގެ ހުރިހާ ފަރުދުންގެ އަޅާލުމާ އެހީތެރިކަމުގެ ތެރެއިން. ވަކިން ހާއްސަކޮށް މިބަލީގެ އަސަރުކޮށްފައިވާ މީހުނަށް އެންމެންވެސް ވާގިވެރިވެގެން. އެކަނިވެރިވުމާ ބާކީ ވުމުގެ އިހުސާސުން އެމީހުން ދުރުކޮށްދީގެން."

ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އެކަށީގެންވާ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އާސަންދަ މެދުވެރިކޮށް ބައެއް ހިދުމަތްތައް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ގާނޫނީ ރައްކާތެރިކަންވެސް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އަދި ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ ސީރިއަސް ބަލިތަކެއްކަމުގައި ވިދާޅުވެ، އެ ފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމައުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ރައިސް ފާހަގަކުރެއްވި އެވެ. 

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް