ads
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު---
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުން މުހިއްމު: ފަޒްނާ
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމާ ގުޅޭ ގައުމީ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ތަންފީޒުވެގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އިން އިސްނަގައިގެން އޮންލައިންކޮށް ރޭ ބޭއްވި ވެބިނާގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ފަޒްނާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ތަންފީޒުވެގެން ދިޔުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. 

އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެ ކަމަށާއި، އެފަދަ ބަލިތަކަށް ފަރުވާދޭ ފަރާތްތަކަށް ހާއްސަކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައިލެވޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އަދި، އެފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ހިޔާލުތަކަށް މަރުހަބާ ކިޔުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

އެކަމަނާ ވަނީ މުޖުތަމައެއް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، އެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. 

ފަޒްނާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމުކޮށްފައި ވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

އެ ވެބިނާގައި ރައީސް އޮފީހުގެ އަންޑާސެކްރެޓަރީ ޑރ. އަބްދުލް މަލިކާއި، އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާއާއި، ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހުލާ އަހްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. 

އަދި ސެންޓާ ފޯ މެންޓަލް ހެލްތުގެ އިސްވެރިޔާ ޑރ. ޝަނޫހާ މަންސޫރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ އާމިނަތު ޝަހުޒާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް