ގައުމީ އިނާމު ދިނުން ފަސްކުރީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ނުބާއްވާ ގޮތަށް ނިންމުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑުގެ ހާލަތުން އާންމު ހާލަތަކަށް ބަދަލުވުމުން، ގައުމީ އިނާމު ދިނުމަށް ހާއްސަ ޖަލްސާއެއް ބާއްވާން ނިންމާފައިވާ ކަމަށާއި ފަހުން ތާރީހު އިއުލާން ކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ފަސް ބޭފުޅަކަށް އެރުވިއިރު ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް 21 ބޭފުޅަކަށް ލިބިލެއްވި އެވެ.
މީގެ ކުރިން ގައުމީ އިނާމު ދެނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގައެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ގައުމީ އިނާމު ދޭނީ ގައުމީ ދުވަހުގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ޕޯޗުގީޒުންގެ މައްޗަށް ބޮޑުތަކުރުފާނު ކުރި ހޯއްދެވި ދުވަސް ކަމަށްވާ ރަބީއުލްއައްވަލް މަހުގެ 1، ކޮންމެ އަހަރަކު ވެސް ގައުމީ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.