ads
ހިރިޔާ ސްކޫލްގެ ދަރިވަރުން--
ގްރޭޑް 7 އަދި 8 ގެ ކުދިންނަށް މި މަހު ސްކޫލުގައި ކިޔަވައިދޭން ފަށަނީ
ރާއްޖޭގައި ކޮވިޑް-19 ކޭސްތައް މަދުވާން ފެށުމާއެކު މި މަހުގެ ތެރޭގައި މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކިޔަވައި ދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް އާސިފް ރަޝީދު ސޮއިކުރައްވާ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މި މަހު ގްރޭޑް 7 އަދި 8 ގެ ކުދިންނަށް ސްކޫލުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮކްޓޯބަރު 19 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށް އަދި އޮކްޓޯބަރު 25 އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް އެ ސިޓީގައި ވެއެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މި މަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވާއިރު، ގްރޭޑް 9 އިން 12 އާ ދެމެދުގެ ކުދިންނަށް މިހާރު އަންނަނީ ސްކޫލުތަކުގައި ކިޔަވައިދެމުންނެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗް 12 ގައެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔެއީ އޮންލައިންކޮށެވެ. 

އޭގެ ފަހުން ޖުލައި 1 ގައި ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތައް ހުޅުވާލި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ. 

މާލޭގެ ސްކޫލުތައް ދަރިވަރުންނަށް އަލުން ހުޅުވާލަމުން ދާއިރު މިހާރު ވަނީ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެގޮތުން ރޭ ޕޮޒިޓިވްވެފައި ވަނީ 51 މީހުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު  10،859 އަށް އަރާފައި ވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1135 ގައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 9683 ގައެވެ. 

މި ބަލީގައި މިހާތަނަށް ރާއްޖެއިން 34 މީހަކު މަރުވެފައި ވާއިރު، ފަރުވާ ކުޑަކޮށްފި ނަމަ އަލުން ކޭސްތައް އިތުރުވުމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

އެހެންކަމުން ސްކޫލުތައް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. އެގޮތުން ސްކޫލަށް ވެއްދުމުގެ ކުރިން ކުދިންގެ ހުން ބަލައި، އަތް ސެނިޓައިޒް ކުރެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް