ads
ނައިބް ރައީސް ފައިސަލް ނަސީމް ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފްކުރައްވަނީ
ސަރުކާރުން އެއްވެސް ދާއިރާއަކުން މީހަކު ބާކީވިޔަ ނުދޭނެ: ފައިސަލް ނަސީމް
ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެކަމަށާއި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ގައުމާއި މުޖުތަމައަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވަނީ މިއަދު ޑްރަގް ކޯޓަށް ޒިޔާރަތްކުރައްވާ، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާ އެ ކޯޓްގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެ ކޯޓުގެ އެކި އިދާރާތައް ބައްލަވާލައްވާ، އެ ތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތުވެސް ސާފުކުރައްވާފައިވެ އެވެ.

ޑްރަގް ކޯޓުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް މުޅި ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ގައުމާއި މުޖުތަމައަށް އެންމެ ހެޔޮގޮތް އިސްކޮށްގެން ކަމަށެވެ. އަދި، އެ ކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން، އެ ކަމުގައި ވެސް ކާމިޔާބީ ލިބޭނެކަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އެއްވެސް ދާއިރާއަކުން އެއްވެސް މީހަކު ބާކީވިޔަ ނުދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑްރަގް ކޯޓުގެ އިސްވެރިން ވަނީ، މިވަގުތު އެ ކޯޓަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައުލޫމާތު ނައިބް ރާއީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި، ޑްރަގް ކޯޓު ހިންގާ އިމާރާތަށް ކުރިމަތިވެފައިވާ ދަތިތައް ވަނީ ނައިބް ރާއީސް އާއި ހިއްސާކޮށްފައެވެ. އަދި، އެ ކޯޓަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެ ބައްދަލުކުވުމުގައި ނައިބް ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ޑރ. އަބްދުލްމަލިކް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިސަލް ނަސީމް ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމައު، ވަކިން ހާއްސަކޮށް ޒުވާނުން، ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ޝުކުރު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް