ads
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ--
ޔާމީންގެ އިސްތިއުނާފް ޝަރީއަތަށް ނުފޫޒުފޯރުވާކަމުގެ ތުހުމަތު އިދިކޮޅުންކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.

ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން އަންނައިރު އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. 

އެ މައްސަލައަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިސްތިއުނާފް ޝަރީއަތްތައް ނިމި، ކުރިއަށް ހުކުމް ކުރުން އޮތްއިރު މިހާލަތުގައި ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒުފޯރުވާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. 

އެގޮތުން ޖޭއެސްސީ އޮތީ "އެމްޑީޕީގެ ހަރުގެ" އެއްގެ ގޮތުގައި ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އެ ސަބަބާހުރެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދާދިފަހުން ރައީސް ޔާމީންއާ އެއްކޮޅަށް ސްޕްރީމް ކޯޓުން މައްސަލައެއް ނިމިފައިވާތީ އެކަމާއި ގުޅިގެން މިހާރު އިވިގެން ދަނީ ތަފާތު އެކި ގޮތްގޮތުން ޖޭއެސްސީން ނުފޫޒުފޯރުވާން މަަސައްކަތްކުރާ އަޑު ކަމަށާއި އެކަމަކު މި ސަރުކާރަކީ އަދުލުއިންސާފު ހޯދައިދޭނެ ކަމަށް ބުނެ އައިސް، އެކަމަށް ހުރަސް އަޅަމުންދާ ސަރުކާރެއްކަން ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސްފިނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށް އަބަދުވެސް އިދިކޮޅުން ފާހަގަކުރަމުން އަންނަ ކަމަށާއި އެހެންކަމުން ފެނިގެންދަނީ އެކަމަށް ހުރަސް އަޅާ މަންޒަރު ކަމަށެވެ. އަދި މިސަރުކާރުން ގަބޫލުނުކުރާ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ޕީޕީއެމްގެ ސަރުކާރެއް އައިސްގެން ކަމަށާއި މިއަދު ނުފޫޒުފޯރުވައިގެން ކުރަމުންދާ ކަންކަން ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"ދަށު ކޯޓުގައި މައްސަލަ އޮތްއިރު އެހާވަރަށް ނުފޫޒުފޯރުވި ބަޔަކު އަދި ހައިކޯޓުގައި މައްސަލަ އޮތްއިރު މާބޮޑަށް ނުފޫޒުފޯރުވާނެ ކަމަށް ގަބޫލުކުރެވޭ. އެއީ ރައީސް ޔާމީން ޖަލުން މިނިވަންވުންވެގެންދާނީ މިސަރުކާރަށް ކެތްނުކުރެވޭ ވަރުގެ ކަމަކަށް. ރައީސް ޔާމީން މިނިވަންވުމަކީ މިމީހުން މިރާއްޖޭގައި ކުރަން މިއުޅޭ ނުރަނގަޅު ނޭއްގާނީ ކަންކަން ހުއްޓިގެންދާނެ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްް އެގޮތަށް ތުހުމަތުކުރެއްވިއިރު ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއެކު އެކަމުގައި ވެސް އިދިކޮޅުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށްފިނަމަ މިނިވަންވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިތުރު ދެ ދައުވާއެއްވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް