ads
ޝިފާގެ މައްސަލައިގައި އޭސީސީއަށް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން
މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދާއި ދެކޮޅަށް ދައުވާ ކުރުމަށް ފޮނުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާޑުކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީީ ވިދާޅުވީ، ދައުލަތަށް ހޯދަންޖެހޭ ފައިސާ ދައުލަތަށް ނުހޯދިގެން އުޅެނީ މިހާރު ގެންނަން އުޅޭ އިސްލާހު ނުގެނެވޭތީ ކަމަށް ބުނާ ބުނުން ބަލައިނުގަނެވޭނެ ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ އޭސީސީއަށް މައްސަލަތަކުގެ ތަހުގީގުތައް ނުހިންގިގެން އުޅެނީ ގާނޫނުތައް ނެތިގެން ނޫން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޭސީސީއަށާއި ފުލުހުންނަށާއި ރިޔާސީ ކޮމިޝަނަށް ލިބިގެންވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. 

your imageމެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިމްތިޔާޒް ވިދާޅުވީ އޭސީސީގެ މެމްބަރުން މަސައްކަތް ކުރާ "ފެންވަރަށް" ބެލުމުން އެބޭފުޅުން ބޭނުންވާ ކަންކަމުގައި ގާނޫނު އެއްފަރާތް ކޮށްފައިވެސް މީހުންގެ ނަން ކިލަނބު ކުރުމަށް ބޮލުގައި ދޮގު އިލްޒާމު އެޅުވުމުގެ ބޭނުމުގައި މައްސަލަތައް ތަހުގީގު ކުރާކަމަށެވެ. އަދި ބޮޑެތި މައްސަލަތައް ބެލުމުގައި އޭސީސީ ނުކުޅެދިފައިވާ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ. 

ޝިފާއާއި ދެކޮޅަށް ދައުވާ ކުރުމަށް އެދި އޭސީސީއިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައަށް ފާޑު ވިދާޅުވެ އިމްތިޔާޒް ވިދާޅުވީ އެތަހުގީގަކީ ރަނގަޅު ތަހުގީގެއް ނޫން ކަމަށެވެ. 

"މިއީ މާލޭސިޓީ ކައުންސިލްގެ މޭޔަރާއި މެދުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ރަނގަޅު ތަހުގީގެއް ނޫން."

އިމްތިޔާޒް ވިދާޅުވީ މިހާރުގެ އޭސީސީ މައްސަލަތައް ބެލުމަށް ނާގާބިލީ ކަމަށެވެ. 

މީގެ އިތުރުން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ މޭޔަރު ޝިފާގެ މައްސަލައިގައި އޭސީސީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. 

your imageމެމްބަރު އީވާ އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެގޮތުން އީވާ ވިދާޅުވީ އެހީއެއްގެ ގޮތުގައި ބަޔަކު ސިޓީ ކައުންސިލަށް އެއްޗެއް ހަވާލުކުރުމުން އެދިންއެއްޗެއް ބޭނުންކޮށްގެން ހެދިތަނެއް ސިޓީ ކައުންސިލުން ދައުލަތަށް ހަދިޔާ ކުރުމުން އެއީ މައްސަލައަކަށް ވެގެން އުޅޭކަމަށެވެ. 

"މިދައްކަނީ މޭޔަރު ޝިފާގެ އެކައުންޓަކަށް އޮޅިގެނެއްވެސް ފައިސާއެއް ވަދެގެން އުޅޭ ވާހަކައެއް ނޫން."

އަދި ވިދާޅުވީ މޭޔަރު ޝިފާގެ ނަޒާހަތްތެރި ކަމާއި މެދު މާލޭގެ ރައްޔިތުން ސުވާލު ނުއުފައްދާނެކަމަށެވެ. 

އީވާ ވިދާޅުވީ ރަނގަޅަށް ބަޔަކު ވައްކަން ކޮށްފި ނަމަ އެކަމެއް ބަލާކަށް އޭސީސީއަށް ނޭނގޭކަމަށެވެ. އެހެން ނަމަވެސް އެކަންކަން ބެލުމުގެ ވަސީލަތްތައްވެސް އޭސީސީގައި ހުންނާނެ ކަމަށް އީވާ ވިދާޅުވި އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް