ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްއެމްޕީއާރްސީގެ ހިޔާނާތާގުޅޭ 70،000 މެސެޖް އާންމުކުރާނަން: ރައީސް ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި 70،000 މެސެޖް އާންމު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން މެމްބަރުން ބަހުސްކުރި އިރު ރައީސް ނަޝީދު ވަނީ ހިޔާނާތުގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެމަނިކުފާނުގެ މައްޗަށް ބޮޑު ތަހުގީގެއް ހިންގާ 444 ރުފިޔާގެ މައްސަލައެއް ބެލިކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައިގެ ކަންކަމުގައި ތަހުގީގު ލަސްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ސާފުކޮށް އިނގެން އޮތްއިރުވެސް އެކަމުގައި އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް ސާފުނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ 70،000 މެސެޖު މަޖިލީހަށާއި އޭސީސީއަށް އަރުވާފައިވާ ކަމަށެވެ. 

"އެއީ ކުރީގެ ނައިބު ރައީސްގެ ފޯނާ އަދި ކުރީގެ ނައިބު ރައީސްގެ ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް."

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ކަންކަމުގައި ކުރީގެ ނައިބުރައީސް އަދީބު އިއުތިރާފްވި އިރު އެތައް ވާހަކައެއް ދައްކަވާފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ ވާހަކަތަކާއި މަޖިލީހަށް ހުށަހަޅާފައިވާ މެސެޖުތަކާއި ވާ ގުޅުންވެސް ސާފުވާނެ ކަމަށެވެ. އަދި އެކަމުގައި ވަކި ކޮޅެއްގައި ނުޖެހިވާތީ ކަންބޮޑުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުންވެސް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހިޔާނާތާ ގުޅޭ 70،000 މެސެޖު މަޖިލީހުގައި ފައިލް ކުރެވިފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަތުގައި ހުރި މައުލޫމާތުކަމުން އެތަކެތި އާންމު ކުރައްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް