ads
އއ. ތޮއްޑޫ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ފޮޓޯއެއް-- ފޮޓޯ: ޝަރުވާން
ގައުމީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ހާއްސަ ފޯރަމެއް ފަށައިފި
ގައުމީ ދަނޑުވެރިކަމުގެ ދުވަހާ ގުޅިގެން ކަމާ ގުޅުން ހުރި ފަރާތްތަކުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ދަނޑުވެރިންގެ ފޯރަމް މިއަދު ހެނދުނު ފަށައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން އިސްނަގައިގެން ޒޫމް މެދުވެރިކޮށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި ދަނޑުވެރިކަމާ ގުޅުން ހުރި 45 ފަރާތަކުން ބައިވެރިވެ އެވެ.

އޭގެ ތެރޭގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި، ދަނޑުވެރިންގެ މަންދޫބުންނާއި، ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅު ރަށްތަކުގެ މަންދޫބުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ދަނޑުވެރި ކޯޕަރޭޓިވްސްތަކާއި، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކާ ފަރާތްތައް ހިމެނެ އެވެ.

"ފޯރަމްގެ މައިގަނޑު މަގްސަދަކީ މިނިސްޓްރީގެ އެގްރިކަލްޗާ ޑިޕާޓްމަންޓުން ދަނޑުވެރިންނަށާއި އާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދެމެވެ،" އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ޕެސްޓިސައިޑް ގާނޫނާއި ގަވާއިދުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ކުރާ މަސައްކަތްތަކާ ގުޅޭ އެ ފޯރަމްގައި މަޝްވަރާކޮށް ހިޔާލު ހޯދާނެ އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހަކީ ގައުމީ ދަނޑުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" މިއެވެ. މި ދުވަހާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ދަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ އޮންލައިން ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. އަދި ދަނޑުވެރިކަމާ ގުޅުން ހުރި ކުއިޒެއް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ދަނީ ހިންގަމުންނެވެ.

އޭގެ އިތުރުން ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސް ބެހުމުގެ ހާއްސަ ޕްރޮގްރާމަކާއި ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި 100 ރުކުގެ ދަނޑެއް އެޅުމަށް ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް