ads
ޕީޖީ ހުސައިން ޝަމީމް--
ނޫސްވެރިކަމުގެ ނަމުގައި އަބުރު ކަތިލުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޕީޖީ ޝަމީމް
ނޫސްވެރިކަމުގެ ނަމުގައި އަބުރުކަތިލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

"ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް 2020" ނިންމުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު ޕީޖީ ޝަމީމް ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ މިނިވަން ޑިމޮކްރަސީއެއްގައި ކަށަވަރު ކޮށްދޭންޖެހޭ އެންމެ މުހިންމު އެއް އަސާސު ކަމަށެވެ.

ނޫސްވެރިކަމުގެ ހައްގަކީ ވަރަށް ބޮޑު ބާރެއްކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ އެ ބާރު ބޭނުން ކުރާއިރު އެއްވެސް ހަމައެއް ނެތި ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިކަމުގެ އަސާސީ ހައްގާއިއެކު ޒިންމާތަކެއްވާ ކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. 

ގާނޫނުއަސާސީގައި ވެސް ކޮންމެ ރައްޔިތަކަށް އަބުރު ރައްކާތެރިކުރުމުގެ މިނިވަންކަން ލިބިގެންވާކަން ބަޔާންކޮށްފައިވާ ކަމަށާއި، އެހެން ކަމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލާ މީހުންނާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ވާހަކަދެއްކުމަކީ ކޮންގެންވާނެ ކަމެއް ނޫންކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ. 

"ޒިންމާދާރުކަމަކަށް ވެސް އެކަމެއް އެގޮތަކަށް ނުވާނެ."

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު" އާއި ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެގޮތަށް އެ ކަންބޮޑުވުންތައް އޮތީ މީގެ ކުރިން ކަންކަން ވެފައިވާ ގޮތުން ކަމަށެވެ. 

އެހެން ނަމަވެސް، ކޮންމެ މީހަކަށް ވެސް އަބުރު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، ދައުލަތުގެ ތެރޭގައި އެކަން ތަންޒީމުކުރެވިފައި އޮންނަން ޖެހޭ ކަމަށެވެ. އަދި ކުރިން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް ނަމަވެސް މަދަނީ ގޮތުން ކޮންޓްރޯލްކޮށް، ތަންޒީމުކުރަންޖެހޭ ކަމެއް ގޮތަށް މިހާރުގެ ފަލްސާފާ ގަބޫލުކުރާ ކަމަށް ޕީޖީ ވިދާޅުވި އެވެ. 

"މިސާލަކަށް މިހާރަކަށް އައިސް އެބައިވޭ ހަމަ ވަކި ވާހަކައެއް ހަމަ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް، ބައެއް ފަހަރު ގާނޫނާ ހިލާފު ވާހަކައެއް ކަންވެސް އެނގިހުރެމެ އެވާހަކައެއް ދައްކަވަނީ. އެއީކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތަރަހައިގެ ތެރޭގައިހިމެނޭ ކަމަކަށް އަޅުގަނޑަށް ގަބޫލުކުރަން ތަންކޮޅެއް އުނދަގޫވޭ."

ޕީޖީ ވިދާޅުވީ ނޫސްވެރިކަމުގެ އެތިކްސް އެހާ މުހިންމުކަމަކަށް ވަނީ އެސަބަބާއި ހުރެގެން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހޭ ކަންކަމުގައި ތަންކޮޅެއް ސަމާލުވެގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ. 

ނޫސްވެރިކަމުގެ ތެރޭގައި ބޭނުންކުރެވޭ އެންމެ މުހިންމު ހަތިޔާރަކީ މައުލޫމާތުކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ މައުލޫމާތު ހޯދާ އެނަލައިޒް ކުރުމުގެ ޝައުގުވެރިކަން ނޫސްވެރިންގެ ކިބައިގައި ހުންނަންޖެހޭ ކަމަށެވެ. 

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މީހަކު ކުރާ ޓުވީޓެއް، މީހަކު ފޭސްބުކްގައި ލިޔާ ޕޯސްޓެއް އެއީ ހަބަރަކަށް ހަދައިގެން ލިޔާ ވަރަށް ވުރެ އެއާ ގުޅޭ މައުލޫމާތު އެހެން ގޮތްގޮތުން ހޯދެން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ހަމައެކަނި ޓުވީޓެއްގައި އޮންނަ ވާހަކައެއް ބޮޑު ހަބަރަކަށް ހަދައިގެން، އަޅުގަނޑު ހަބަރު ބަލާލައިރު ބައި ސަފްހާގެ ހަބަރެއް."

ޕީޖީ ވިދާޅުވީ އެކިގޮތްގޮތުން މައުލޫމާތު ހޯދުމުގެ ފުރުސަތު އޮންނައިރު އެމަގުން މައުލޫމާތު ހޯދައިގެން ހަބަރު ލިޔުމުގެ ޝައުގުވެރިކަން އުފެއްދުމަކީ މުހިންމު ކަމަށެވެ. އަދި އަބަދުވެސް ދިރާސާ ކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނީ މިހާރަށް ވުރެއް ގިނައިން ފޮތް ކިޔައި އެކި ލިޔުންތައް ކިޔައިގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް