ads
ފޮޓޯ: ރައީސް އޮފީސް
ދަނޑުވެރިކަމަށް ފަހި މާހައުލެއް ހޯދުމަކީ އިސްކަންދީގެން ތަންފީޒުކުރާ ސިޔާސަތެއް: ރައީސް ސޯލިހް
ދަނޑުވެރިކަން ކުރާ ބިންތަކުގެ ކުލި 3 އަހަރަށް ވަނީ މާފްކޮށްފައި: ރައީސް
ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރާ ކަމަށާއި އަދި އެ ސިޔާސަތު ތަންފީޒު ކުރާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުވި ހިތާބުގަ އެވެ. 

އެގޮތުން ރައީސް ވިދާޅުވެފައިވަނީ ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއްކަމަށާއި، މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމައި، ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާކަމަށެވެ. 

ރައީސް ސޯލިހް ވިދާޅުވީ ގައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަގީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވެގެންކަމުގަ އެވެ. އަދި ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައި ވެސް، މި ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. 

އެގޮތުން ސަރުކާރުގެ ވައުދާ އެއްގޮތަށް ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން މީގެ ކުރިން ނަގަމުން އައި އިމްޕޯޓްޑިޔުޓީ މިހާރު ކަނޑާލާފައިވާ ކަމަށާއި، އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޭޝަން (އެސް.ޑީ.އެފް.ސީ) މެދުވެރިކޮށް ދަނޑުވެރިކަމަށް ލޯނު ދޫކުރުމުގެ އިތުރުން ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގުރާމުތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތް ވެސް އިތުރަށް ފުޅާކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. 

"އިޤްތިސާދަށް ކުރިމަތިވެފައިވާ މި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމުއިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތްވެސް، ސަރުކާރުން މިއަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ މެދުވެރިވެގެން، ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި ގަނެ، ތާޒާކަމާއި ރައްކާތެރިކަމާއެކު، ބާޒާރަށް ނެރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުންނެވެ." ރައީސްގެ ހިތާބުގައިވެ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމަށް ޒަމާނުއްސުރެއް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުންކަން ފާހަގަކޮށް ރައީސްގެ ހިތާބުގައި ފާހަގަކޮށްފައިވަނީ އެކަމަށް ހައްލެއް ގެނައުމަށް އެޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދައިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް