ads
ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
ރައީސްގެ މުސާރަ ކުޑަކުރި މައްސަލާގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ގޮތެއް ނިންމުން
ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ގޮތެއް ނިންމުން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަ ކުރީ ގާނޫނުތަކާއި ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޖޫން 1 ވަނަ ދުވަހު ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި އިރު، މައްސަލަ ބައްލަވާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝަތް ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާޙިމް އެވެ. 

މައްސަލަ ހުށަހަޅުއްވަމުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހަލީމް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިގެން އިނާޔަތްތަކާ ބެހޭ ގާނޫނު"ގައި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ބަޔާންކޮށްފައި ވަނިކޮށް، އަދި ވަކި ގާނޫނުތަކުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ އާއި، އިނާޔަތްތައް ގާނޫނަށް ބަދަލު ނުވަތަ އިސްލާހެއް ގެނައުމަކާ ނުލާ މަޖިލީހުން ކުޑަކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމަކީ ގާނޫނު އަސާސީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިގެން އިނާޔަތްތަކާ ބެހޭ ގާނޫނު، ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނު، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައި ވެއެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވާ އެ ބައިތަކަކީ ގާނޫނާ ހިލާފު ބާތިލު ނިިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.  

ދުސްތޫރީ މައްސަލައާ ގުޅިގެން ފަނޑިޔާރުން ވަނީ ހަލީމްއަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފަ އެވެ. އެގޮތުން ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ މަޖިލީހުންކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އޮތުމާއި، ދުސްތޫރީ މައްސަލައަކީ ކޮބައިކަމާއި މުޖުތަމައުގެ އާންމު މަސްލަހަތާއި މި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. 

ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީމް ވިދާޅުވީ ގާނޫނު އަސާސީގައި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅަނީ މަޖިލީހުން ކަމަށް ބަޔާންކޮށްފައި އޮތްއިރު އެ ފަރާތްތަކަށް މުސާރަ ދިނުމާއި ގުޅޭ ގޮތުން ވަކި ގާނޫނެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ މުޖުތަމައުގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައެއް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ. 

މައްސަލައިގައި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ނިމުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ، އަދި އިތުރު ފަރާތެއް ހާޒިރުކޮށްގެން ކަމެއް ސާފު ކުރުމަށް ނެތްނަމަ މިހާ ހިސާބުން މައްސަަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައި ރައީސްގެ މުސާރައަށް ކަނޑައަޅާފައި ވަނީ 100،000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 75،000 ރުފިޔާ އެވެ. 

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުން މުސާރައަށް ބަދަލުގެނައުމުން ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 65،000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 48،000 ރުފިޔާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް