ads
ރޭޕްގެ މައްސަލައެއްގައި ބަންގްލަދޭޝްގައި ފަސް މީހަކު މަރަން ހުކުމް ކޮށްފި!
ބަންގްލަދޭޝްގެ ކޯޓަކުން ރޭޕްގެ ތުހުމަތު ކުރެވޭ ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި އެވެ.

އުމުރުން ފަނަަރަ އަހަރުގެ އަންހެން ކުއްޖަކު 2012 ވަނަ އަހަރު ރޭޕްކުރި މައްސަލައިގަައި، ބަންގްލަދޭޝްގެ އުތުރުގެ ސަރަހައްދެއްގައި ހުރި ކޯޓަކުން މިއަދު ވަނީ އެ މައްސަލަ ސާބިތުވެފައިވާ ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައެވެ. މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހުށަހަޅާ މައްސަލަތައް ބަލާ ހާއްސަ ޓްރައިބިއުނަލަކުންނެވެ.

މިއީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ، މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ނިންމިފަހުން މިގޮތަށް މައްސަލައެއް ނިންމި ފުރަތަމަ ފަހަރެވެ.

ބަޔަކު އަންހެނަކަށް ހަމަލާދީ، ރޭޕްކުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވުމުގެ ސަބަބުން މިދިޔަ ހަފްތާގައި ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި ގިނަ ބަޔަކު ވަނީ ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށާއި، ޝަރީއަތްތައް އަވަސްކުރުމަށް ގޮވާލައިފައެވެ.

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕަކުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، 2020 ވަނަ އަހަރުގެ ޖެނުއަރީ އާއި ސެޕްޓެމްބަރު މަހާއި ދެމެދު 1000 އާއި ހަމައަށް ރޭޕް ކޭސްތައް ރިޕޯޓްކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނޭ 208 ކޭހަކީ ގޭންގް ރޭޕްގެ ކޭސްތަކެވެ.

ބަންގްލަދޭޝްގައި ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް ރޭޕްގެ ކުށް ސާބިތުވި 23 މީހުން ދަންޖައްސާފައި ވާއިރު، އަދިވެސް 1718 މީހަކަށް މަރުގެ ހުކުމް އިއްވައި، ތަންފީޒުނުކޮށް އެބަ ތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް