ads
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ހުތުބާގައި ގޮވާލައިފި
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މީސްތަކުންގެ މައްޗަށް ހައްގުތަކާއި ވާޖިބުތަކެއް ވާކަމަށާއި، އެ ހައްގުތަކާއި ވާޖިބުތައް އަދާކުރުމަށް އަންގަވާފައިވާ ގޮތަށް އެކަންކަން އަދާކުރަންޖެހޭ ކަމަށެވެ. 

އަހްލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭކަމަށް ހުތުބާގައިވެ އެވެ. ހުތުބާގައި ބުނެފައިވަނީ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަންޖެހޭ ގަވައިދުތަކަކީ މުޖުތަމައުގެ އެންމެންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ގަވައިދުތަކެއް ކަމަށެވެ. އަދި އެ ގަވައިދުތަކަށް ތަބާވުމަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރުން ކަމަށްވެސް ހުތުބާގައިވެ އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. 

"އެހެންކަމުން ކޮވިޑް-19 ގެ މި ހާލަތުގައި އާއްމުންގެ ސިއްހީ މަސްލަހަތައް ރިއާޔަތްކޮށް، މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަންދުފަހަރު ދުއްވުން، ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މަނާކުރެވޭ ހިނދު، އެކަމަށް އިޖާބަދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ." ހުތުބާގައިވެ އެވެ.

ހުތުބާގައި ބުނެފައިވަނީ މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައިކަމަށެވެ. އެހެންކަމުން މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވާކަމަށާއި އެ ހައްގުތައް ރައްކާތެރިކުރެވޭނީ ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މައްޗަށްކަމަށެވެ. 

"މަގުމަތީގެ އަދަބުތަކާއި، ހައްޤުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެންދެ އެވެ." ހުކުރު ހުތުބާގައިވެ އެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާކަމެއް ކުރުމަކީ ހުއްދަވެގެންވާކަމެއްނޫން ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހްލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ވެސް ހުތުބާގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް