ads
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވަނީ--
ކޮވިޑް ކޮންޓްރޯލް ކުރަން އިޓަލީގައި ފިޔަވަޅުތައް ވަރުގަދަ ކުރަނީ
އިޓަލީން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.

އިޓަލީން މިއަދު ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި ހަލުވިކަމާއެކު ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ 11،705 މީހުންނަށް ބަލިޖެހިފައިވާ އިރު، މިއީ މިހާތަނަށް އެއް ދުވަހެއްގައި އިޓަލީން އެންމެ ގިނަ އަދަދަކަށް ކޭސްތައް ފެނުނު ދުވަހެވެ.

އިއްޔެ އެ ގައުމުގެ ޓީވީ ސްޓޭޝަންތަކަށް މައުލޫމާތު ދެއްވަމުން، ބޮޑުވަޒީރު ގިސެޕް ކޮންޓޭ ވިދާޅުވީ އިތުރު ފުރަބަންދަކަށް ދާން ބޭނުން ނުވާ ކަމަށާއި، ފުރަބަންދަކަށް ގޮސްފި ނަމަ އިޓަލީގެ އިގްތިސޯދަށް ގެއްލުންވާނެ ކަމަށެވެ.

މީގެ އިތުރުން ކޮންޓޭ ވަނީ ސަރުކާރުން ގާތުން މަސައްކަތް ކުރަމުން ދާނެ ކަމަށް ވިދާޅުވެ، ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ގޮވައިލައްވާފަ އެވެ. އަދި މާސްކް އަޅައިގެން އުޅުމަށާއި، ގައިދުރުކަން ބެހެއްޓުމަށާއި، ސަމާލުވެގެން ތިބުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އިޓަލީން ވަނީ މިއަދުން ފެށިގެން އެ ގައުމުގައި އާންމުން އެއްވެ އުޅޭ ޕާކް ފަދަ ސަރަހައްދުތައް ރޭގަނޑު ނުވައެއްގެ ފަހުން ކޮންމެ ރެއަކު ބަންދުކުރާ ގޮތަށް ނިންމައިފައެވެ. ރެސްޓޯރަންޓްތަކުން ދޭ ޑެލިވަރީގެ ހިދުމަތްތައް އިރުއޮއްސި ހައެއްގެ ފަހުން މެދުކަނޑާލަން ޖެހޭ އިރު، ގިނަވެގެން ރެސްޓޯރަންޓެއްގެ މޭޒެއްގައި ތިބެވޭނީ ހަ މީހުންނަށެވެ.

މީގެ އިތުރުން އެކި މުނާސަބާތައް ފާހަގަ ކުރުމާއި ކުޅިވަރު އިވެންޓްތައް ބޭއްވުން މަނާކޮށްފައިވާ އިރު، ޖިމްތަކާއި ސްވިމިން ޕޫލްތަކުގައި އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

މިހާތަނަށް އިޓަލީން 414،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 36،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އިޓަލީން މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް