ads
ހިރިޔާ ސްކޫލްގެ ދަރިވަރުން--
ގްރޭޑް 8 ގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި
ރާއްޖޭގައި ކޮވިޑް-19 ކޭސްތައް މަދުވާން ފެށުމާއެކު ގްރޭޑް 8 ގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި މިއަދު ކިޔަވައި ދޭން ފަށައިފި އެވެ.

ގްރޭޑް 8 ގެ ދަރިވަރުންނަށް މިއަދު މާލޭގެ ސްކޫލުތައް ހުޅުވާލާފައި ވާއިރު، އޮކްޓޯބަރު 25 ވާ ހޯމަ ދުވަހުން ފެށިގެން ގްރޭޑް 7 ގެ ކުދިންނަށް ވެސް ސްކޫލުގައި ކިޔަވައިދޭން ފަށާނެ އެވެ.

އެޑިއުކޭޝަން މިިނިސްޓްރީން ނިންމާފައި ވަނީ ގްރޭޑް 6 އިން ދަށުން ދަރިވަރުންނަށް މި އަހަރު އެއްކޮށް އޮންލައިންކޮށް ކިޔަވައި ދިނުމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މި މަހު ފަހުކޮޅު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު، ގްރޭޑް 9 އިން 12 އާ ދެމެދުގެ ކުދިންނަށް މި މަހު ކުރީކޮޅު ވަނީ ސްކޫލުތައް ހުޅުވާލާފަ އެވެ.

ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗް 12 ގައެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔެއީ އޮންލައިންކޮށެވެ. 

އޭގެ ފަހުން ޖުލައި 1 ގައި ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތައް ހުޅުވާލި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ. 

މާލޭގެ ސްކޫލުތައް ދަރިވަރުންނަށް އަލުން ހުޅުވާލަމުން ދާއިރު މިހާރު ވަނީ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 32 މީހުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު  11،210 އަށް އަރާފައި ވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1010 ގައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 10،163 ގައެވެ. 

މި ބަލީގައި މިހާތަނަށް ރާއްޖެއިން 39 މީހަކު މަރުވެފައި ވާއިރު، ފަރުވާ ކުޑަކޮށްފި ނަމަ އަލުން ކޭސްތައް އިތުރުވުމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެހެންކަމުން ސްކޫލުތައް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. އެގޮތުން ސްކޫލަށް ވެއްދުމުގެ ކުރިން ކުދިންގެ ހުން ބަލައި، އަތް ސެނިޓައިޒް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް