ads
އިމާމުންނާއި މުދުމިންގެ ޑިގްރީ ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އިމާމުންނާއި މުދިމުންގެ ދައުރު ފުޅާ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
މުޖުތަމައުގެ ހުރި މައްސަލަތައް ހައްލު ކުރުމަށް އިމާމުންނާއި މުދިމުން އަދާ ކުރާ ދައުރު ފުޅާ ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

އިމާމުންނާއި މުދުމިންނަށް ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ވިދާޅުވީ އިމާމުންނާއި މުދިމުންނަކީ މަތިވެރި މަސައްކަތެއް ކުރާ ބައެއް ކަމަށެވެ.

އެމީހުންނަކީ އެންމެންގެ ގަދަރާއި ލޯތްބާއި އިހްތިރާމް ލިބިފައިވާ ބަޔަކަށް ވާތީ މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅު ކުރުމުގެ ޒިންމާ އަދާ ކުރެވޭނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާއްމު ފަރުދުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އިމާމުންނާއި މުދިމުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމީ ތައުލީމުގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ހިންގާ ކޯސްތައް ފެށީ އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެންނެވެ.

ހިލޭ ކުރިއަށް ގެންދާ އެ ކޯސްތަކުގައި ޖުމްލަ 384 ދަރިވަރުން ބައިވެރިވެ އެވެ. އެއީ އެޑްވާންސް ލެވެލްއަށް ކިޔަވާ 292 ދަރިވަރުންނާއި ޑިގްރީއަށް ކިޔަވާ 92 ދަރިވަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް