ads
ޕީޖީ ހުސައިން ޝަމީމް--
އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކިނެތް: ޕީޖީ
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވި ލިޔެކިޔުންތަކުގައި މީހެއްގެ މައްޗަށް ދައުވާ އެއްކޮށް ސާބިތުކޮށްދެވޭ ވަރަށް ހެކި ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީން ނިންމާފައިވާއިރު އެކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލަ އަނބުރާ ފޮނުވާލީ ސާބިތުކުރެވިދާނެ ކަމަށް ނުފެންނާތީ ކަމަށެވެ. 

މައްސަލައާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މި ނިންމުން ޕީޖީ އޮފީހުން ނިންމީ އެއްވެސް ސިޔާސީ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. 

ޝަމީމް ވިދާޅުވީ މި މައްސަލައިގައި އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. ޕީޖީ އޮފީހުގެ ޒިންމާއަކީ ޖިނާއީ ދައުވާ ކުރުން ކަމަށާއި، އަދި ކޯޓަށް މައްސަލައެއް ގެންދާނީ ސާބިތުކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށްވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވި އެވެ. 

މިމައްސަލައިގެ ތަހުގީގު ފެށުނު އިރު ޕީޖީ އާއި އެކު އޭސީސީން މަޝްވަރާ ކުރިކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ ފަހުނުް ދައުވާ ކުރުމަށްއެދި ޕީޖީ އަށް ލިޔެކިޔުން ފޮނުވުމުގެ ކުރިން މަޝްވަރާ ކޮށްފައި ނުވާކަމަށެވެ. 

އޭސީސީން ޕީޖީއަށް ފޮނުވި ލިޔެކިޔުންތަކުގައި ހުރި ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ،  ފައިސާ ދޫކުރުމަށް "ވެންޑަރ" ރަޖިސްޓްރީ ކުރުން ފަދަ އިދާރީ ކަންކަން ހެލްތް މިނިސްޓްރީން ކޮށްފައިވާކަމަށް އޭސީސީން ފާހަގަކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ ވަޒީފާގެ ގޮތުން އަދާކުރަންޖެހޭ ކަންކަންކަމަށެވެ. ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް އެގްޒިކިއުޓާ އޭނާގެ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަންކަން ވެސް އޭސީސީން ހުށަހެޅި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ކަމަށާއި، އަދި އެކަންކަމަކީވެސް ކުށެއްކަން ކޯޓަށް ގެންގޮސްގެން ސާބިތުކޮށްދެވޭނެ ކަމަށް ނުދެކޭކަމަށް ޕީޖީ ވިދާޅުވި އެވެ. 

މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް އޭސީސީން ތިން ތުހުމަތެއް ކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ، ހެލްތް މިނިސްޓްރީއަށް އެ ކުންފުނި ތައާރަފް ކުރިކަމަށް ކުރާ ތުހުމަތާއި ބިޑް ކޮމިޓީގެ ކޯރަމް ހަމަ ނުވާތީ ކޯރަމް ހަމަ ކުރުމަށް މެމްބަރުންނަށް ގުޅުމާއި ކަންކަމުގެ އަޕްޑޭޓް ހޯއްދެވުމަށް ގުޅުއްވާ ހެއްދެވުމެވެ. ޕީޖީ ޝަމީމް ވިދާޅުވީ މިކަންކަމަކީ ވަކި މަންފާއެއް މީހަކަށް ހޯދައިދިނުމަށް ކޮށްފައިވާ ކަންތައްތައްކަން ސާބިތުކޮށް ދައުވާ ކުރެވޭވަރަށް ހެކި ނެތް ކަމަށެވެ. 

"އަޅުގަނޑުމެންނަށް ގަބޫލުކުރެވިދާނެ ބިޑް ކޮމިޓީގަ ނުހިމެނޭ މީހަކު ބިޑް ކޮމިޓީއަށް ވަގުތީގޮތުން ލައިގެން ނަމަވެސް އެކަމެއް ކޮށްފިއްޔާ އެއީ ވަކި މީހަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ކުރިކަމެއްކަމަށް. މި ދައްކަނީ ބިޑް ކޮމިޓީގެ މެމްބަރުންތަކެއް ބިޑް ކޮމިޓީގެ ޖަލްސާއަށް ހާޒިރުނުވާތީވެ ގުޅުއްވާފަ ވިދާޅުވަނީ ކޯރަމް ހަމަކުރައްވަން އެތަނަށް ދާށޭ. އެއީ މިނިސްޓަރެއްގެ ހައިސިއްޔަތުން އެބޭފުޅާގެ ވަޒީފާގެ މައްސޫލިޔަތުގެ ތެރޭގައި ހިމެނޭކަމެއް އެއީ ކޮމިޓީތައް ބަރާބަރަށް ރަންކުރުމާ މިހުރިހާ ކަމެއް ފެސިލިޓޭޓް ކުރުމަކީ. އެހެންމަ އެއީކީވެސް އޭގެޒާތުގައި ކޮރަޕްޝަނަށް ފަހިވާކަމެއްކަމަށް އަޅުގަނޑުމެން ކޯޓެއްގެ ގެންގޮސްގެން ސާބިތު ކުރެވިދާނެ ކަމަށް ނުފެނުނީއޭ މިހާރު މިކަން ހިނގާފަ އޮތްގޮތުން."

މީގެ އިތުރުންވެސް އޭސީސީގެ ރިޕޯޓާއި ހަވާލާދީ ޕީޖީ ޝަމީމް ވިދާޅުވީ އެ ރިޕޯޓްގައި އިސްލާހު ކުރުމަށް އަންގާކަމެއްގެ ގޮތުން ހެލްތް މިނިސްޓްރީން އަމަލުކޮށްފައިވަނީ އޭރު އަމަލުކުރަމުންދިޔަ މާލިއްޔަތު ގަވައިދުގެ 10.03 މާއްދާގެ (ހ)ގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރުގެ ދަށުންކަން އޭސީސީން ފާހަގަކޮށްފައިވާ ކަމަށެވެ. 

އެމާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތުގައި ބައެއް މާްދާތައް ސަސްޕެންޑް ކޮށްގެން ކުރިއަށް ދިއުމުގެ އިހްތިޔާރު އޮންނަކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ މި ކަންތައްތައް ކޮށްފައިވަނީ އެލިބޭ އިހްތިޔާރުގެ ދަށުން ހުއްދަ ލިބިގެންކަން އޭސީސީން ވެސް ގަބޫލުކުރާ ކަމަށެވެ. 

"ދެން އަޅުގަނޑުމެން ކީކޭތޯ ކިޔާނީ ކޯޓަށް ގޮސްފައި، ދައުވާ ލިބޭމީހުން ބުނާނެތާ ތި ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވައިގެންނޫންހޭ ތި އެއްބަސްވުން ހަދާފަ ތިއޮތީ، ފިނޭންސް މިނިސްޓަރަށް ގަވައިދުން ލިބޭ ބާރު ބޭނުންކޮށްގެން ނޫންހޭ ތިކަން ކޮށްފަ ތިއޮތީ، ދެން ތިމަންނަމެން ކީއްހޭ ކުރާނީ. ދެން އަޅުގަނޑު ކޮން ވާހަކައެއް ދައްކާނީ؟ މި ގަވައިދު ވަރަށް ގޯސް. ދެން ގަވައިދު ގޯސްވެގެންތާ މިނިސްޓަރު އެ ގަވައިދު ބަދަލުކުރައްވާފަ އެއޮތީ."

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ "ޕޯސްޓް އޮފީހެއް" ގޮތަށް އަންނަ ހުރިހާ މައްސަލައެއް ހިފައިގެން ކޯޓަށް ނުދާނެ ކަމަށެވެ. އަދި ކޯޓަށް ދާނީ ދައުވާ ކުރެވޭ އަދި ސާބިތުކުރެވޭ ކަންކަމުގައި ކަމަށް ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް