ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވެންޓިލޭޓަރު މައްސަލަ ބެލުމަށް ޖުޑިޝަރީ ކޮމިޓީއާ ހަވާލުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހަވާލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮތުމުން އެކަމުގެ ނޯޓިސް ރޭގެ ވަގުތެއްގައި މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ. އަދި ރޭ މެންދަމުގެ ވަގުތެއްގައި އަމީން އިސްތިއުފާ ދެއްވާފައިވާކަން މީޑިއާއިން އިނގިފައިވާ ކަމަށާއި، އެ މައުލޫމާތު ރަސްމީކޮށް ލިބުމުން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުން ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގުކޮށް ދައުވާ ކުރުމަށް ހުށަހެޅުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީ ވިދާޅުވެފައިވާކަމަށާއި، އެހެން ކަމުން އެ މައްސަލަ އިތުރަށް ބެލުމަށް ޖުޑިޝަރީ ކޮމިޓީއާ ހަވާލުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި ވެންޓިލޭޓަރުތައް ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި، އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވީ ފައިސާ އަނބުރާ ދައުލަތަށް ހޯދުން، އެކަން ނިމެންދެން މި މަޖިލިސް މި މައްސަލައިގައި ފާރަވެރިކަމާ އެކީގައި އޮތުމަކީ އަޅުގަނޑުދެކޭގޮތުގައި މިމަޖިލީހުގެ ގާނޫނީ ވާޖިބެއް."

ރައީސް ނަޝީދު ވިދާޅުވީ ހިޔާނާތާއި ވައްކަމުގެ ކަންކަން ދައުލަތުގެ ތެރެއިން ހިނގިޔަ ނުދިނުމަށް މެމްބަރުން ރައްޔިތުންގެ ގާތުގައި ވައުދުވެފައިވާކަމަށާއި، އެކަން ކުރުމަކީ މަޖިލީހުގެ ޒިންމާއެއްކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީން ބުނެފައިވަނީ އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކުން ދައުވާއެއް ކުރެވޭ ވަރަށް އަދި ސާބިތު ކޮށްދެވޭވަރަށް ހެކި ނެތް ކަމަށެވެ. އެހެން ނަމަވެސް އޭސީސީން ބުނެފައިވަނީ މައްސަލަފޮނުވީ ސާބިތުކޮށްދެވޭ ވަރަށް ހެކި ހުރެގެން ކަމަށެވެ. އަދި އޭސީސީން ބުނެފައިވަނީ އެ މައްސަލަ އިތުރަށް މުރާޖާ ކުރަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް