ads
ފިނޭންސް މިނިސްޓްރީ
ބިޑް ކޮމިޓީތަކަށް ސިޔާސީ މީހުން އައްޔަން ނުކުރެވޭނެ ކަމަށް ނިންމައިފި
ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމިޓީއަށް ސިޔާސީ ފަރާތްތަކާއި އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންނަށް އައްޔަނު ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެގޮތަށް ނިންމާފައި ވަނީ ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް މަސައްކަތުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުން ހުއްދަ ދޭން ޖެހޭ ޕްރޮކިޔުމެންޓް މަސައްކަތް ކުރުމަށް ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމެޓީ އެއް އޮންނަން ޖެހޭނެ ކަމަށެވެ.

ބިޑް ކޮމިޓީ އުފައްދާ، އެ ކޮމިޓީ އައްޔަނު ކުރަން ޖެހެނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ މަތިން މިނިސްޓަރެވެ. އައްޔަނު ކުރާ މީހުންނަކީ ފަންނީ ހުނަރާއި، މައުލޫމާތާއި ތަޖުރިބާ ހުރި މީހުންނަށް ވާން ޖެހެ އެވެ.

އޭގެ އިތުރުން އެ އޮފީހެއްގެ ޕްރޮކިޔުމެންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިޔުމެންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު ބިޑް ކޮމެޓީގައި ހިމެނިގެން ނުވާނެ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައި ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ މައްސަލައަށް ފަހު، ބިޑް ކޮމިޓީތަކުން ސިޔާސީ ނުފޫޒު ބޭރު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ.

އެގޮތުން ސަރުކާރު އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށް ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު މިހާރު ވަނީ އުފައްދާފަ އެވެ. 

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އެ މަގާމު އުފައްދަނީ މިނިސްޓްރީތަކުގެ ބިޑް ކޮމިޓީގައި ސިޔާސީ ނުފޫޒު ކުޑަ ކުރުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް