ads
ޔޫތް އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް--
މި ސަރުކާރުން ވަނީ ދިވެހި ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދީފައި: މިނިސްޓަރު މަހުލޫފް
މި ސަރުކާރުން ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދީފައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރާއްޖޭގެ ކުޅިވަރު ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. 

ދާދި ފަހުން ޓޭބަލްޓެނިސް އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލާގައި، ރާއްޖޭގެ ކުޅިވަރު ގާނޫނަށް އަމަލު ނުކުރެވޭ ކަމަށާއި، ކުޅިވަރު ގާނޫނުގައި އިސްލާހު ކުރަންޖެހޭ ކިތަންމެ ކަމެއް ހުރި ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ހުރީ 1980 ގައި އަމަލު ކުރަންމުންދިޔަ ގޮތަށް ކަމަށް ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. 

މި ވާހަކަތަކަށް ރައްދުދެއްވަމުން މަހުލޫފް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކުޅިވަރު ސިޔާސީ ނުކުރައްވައި، ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާފައި ކަމަށެވެ. 

އަދި ކުރިއާ އަޅާބަލާއިރު މިހާރު ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ، އެތައް ކުރިއެރުމަކާއި ކާމިޔާބީއެއް ހޯދާފައި ކަމަށާއި، މިކަން އެސޯސިއޭޝަންތަކުންނާއި އެތްލީޓުން ގަބޫލުކުރާނެކަން ކަށަވަރު ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިފާޅުވެފަ އެވެ. 

މިނިސްޓަރު މަހުލޫފް ހިމެނިވަޑައިގަންނަވާ ޕާޓީގެ ޗެއާޕާސަންއަށް މިމޭރުމުން ރައްދު ދެއްވިއިރު، މިފަހަކަށް އައިސް ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގެ މައްސަލާގައި، ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވަނީ ވަރަށް ބޮޑަށް މިނިސްޓަރަށް ފާޑުވިދާޅުވެފަ އެވެ. 

އެގޮތުން ހަސަން ލަތީފްގެ އިތުރުން، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާ މިނިސްޓަރު މަހުލޫފް އާ ދެމެދު ވެސް ވަނީ، އެފްއޭއެމްގެ އިންތިހާބުގެ މައްސަލާގައި، ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ. 

އެފްއޭއެމް އާއި، ވީއޭއެމްގެ އިތުރުން ޓީޓީއޭއެމްގެ މައްސަލާގައި ވެސް، ގިނަ ފަރާތްތަކަކުން ފާޑުވިދާޅުވި ނަމަވެސް ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ފަދަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް މިނިސްޓަރު މަހުލޫފް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް