ads
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--
މާލޭގައި ހުއްދަ ނުނަގާ މުޒާހަރާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
މާލޭގައި ފުލުހުންގެ ހުއްދައާއެކު މުޒާހަރާކުރެވޭ ގޮތަށް އޮތް ބައި އުނިކޮށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ކޮމިޓީން ފާސްކޮށްފި އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ލިބިފައި އޮތް މެޖޯރިޓީ ބޭނުންކޮށްގެން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާއިރު އެ ގާނޫނު މިހާރު އޮތް ގޮތުން މާލޭގައި މުޒާހަރާކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައެޅި ހަމައެކަނި ސަރަހައްދަކީ ކާނިވާ ސަރަހައްދެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކުރުމުގެ ގޮތުން ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެ މައްސަލަ މަޑުޖެހިފައި އޮތުމަށް ފަހު، މިއަދު ކުރިއަށް ދިޔަ ކޮމިޓީގައި އެ މައްސަލައިގައި ވަނީ ގޮތެއް ނިންމާފަ އެވެ. އެގޮތުން ކޮމިޓީން ފާސްކޮށްފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ގެނައި އިސްލާހު އުނިކުރުމަށެވެ. 

އެގޮތުން ކުރިން އޮތް ގޮތަށް ހުއްދައަކާ ނުލާއި މާލޭގައި އެއްވެވޭ ގޮތަށް ބަދަލުކުރުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވިއިރު އެ ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ތާއީދުކުރެއްވި އެވެ. އަދި ހުށަހެޅުން ފާސްވެފައި ވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށާއި ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރުމަށް ގާނޫނުތަކަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ އިސްލާހުތައް އުވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް