ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް-- ފޮޓޯ: މުހައްމަދު ޝަރުހާން
ފާޑުކިޔުމާއެކު ހައްލު ހުށަހެޅުމަށް މިނިސްޓަރު މަހްލޫފް ޒުވާނުންނަށް ގޮވާލައްވައިފި
ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާ ކިޔުއްވާ ކަމަށާއި ފާޑުކިޔުމާއެކު މައްސަލަތަކަށް ހައްލު ހުށަހަޅައި ދިނުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ޒުވާނުންނަށް ގޮވާލައްވައިފި އެވެ.

މިއަދާއި މާދަމާ ވާޗުއަލްކޮށް ކުރިއަށްދާ ޔޫތު ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި މަހްލޫފު މިއަދު ހެނދުނު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބިރެއް ނެތި ބަސް ބުނުމުގެ މިނިވަންކަން މިއަދު ލިބިފައިވާ ކަމަށެވެ.

މަހްލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީން މަސައްކަތް ކުރަނީ ދެ ޖިންސުގެ ހަމަހަމަކަން ކުރިއަރުވަން ކަމަށާއި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު މުހިއްމު ކަމަށެވެ.

"ރަށްރަށަށް ކުރާ ދަތުރުތަކުގައި އަންހެން އަދި ފިރިހެން ޒުވާނުންނާ ބައްދަލުކުރުމަށް ތާޅަފިލިން ގޮވި ނަމަވެސް" އަންހެން ޒުވާނުންނާ ބައްދަލުވަނީ މަދުން ކަމަށް މަހްލޫފު ވިދާޅުވި އެވެ. 

ޒުވާނުންގެ ކުރިމަގަށް މި ސަރުކާރުން އެތައް ކަމެއް ކުރަމުންދާ ކަމަށާއި ތަމްރީން ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްކޮށްދެމުންދާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން މަތީ ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ނުލިބޭ ވަރަށް އަދި ފައިސާ ހަރަދު ނުކުރާ ވަރަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ ފުރުސަތުތައް ފަހިކޮށްދީފައި،" މަހްލޫފް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އެސްއެމްއީ ބޭންކާއި އެހެން ބޭންކުތައް މެދުވެރިކޮށް އެތައް ސަތޭކަ ޒުވާނުންނަށް ވިޔަފާރި ފަށަށް އެހީވެފައިވާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވެސް އެތައް މިލިއަން ރުފިޔާގެ އެހީވެދީފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވަނީ ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ޒުވާނުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 22 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގަ އެވެ. މި އަހަރު މި ދުވަހުގެ ޝިއާރަކީ ޒުވާނުންނާއި ސުލްހަ މަސަލަސްކަން މިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް