ads
ޔޫތު ކޭމްޕް ލޯންޗް ކުރުމުގެ ތެރެއިން--
ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ވާޗުއަލް ޔޫތް ކޭމްޕެއް ފަށައިފި
މި އަހަރުގެ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުގެ ގޮތުން ''މޯލްޑިވްސް ޔޫތް ކޭމްޕް 2020'' ގެ ނަމުގައި، ހާއްސަ ޔޫތު ކޭމްޕެއް ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން އިސްނަގައިގެން ވާޗުއަލްކޮށް ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ، ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމެވެ. 

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕު ހާއްސަކޮށް ހުޅުވާލެވިފައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށެވެ. 

މި ކޭމްޕުގެ ޝިއާރަކީ "ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" ނުވަތަ ''ޒުވާނުންނާއި ސުލްހަ މަސަލަސްކަން'' މިއެވެ. އަދި މިކޭމްޕް ނިންމުމުގެ ގޮތުން ހާއްސަ ގަރާރެއް އެކުލަވާލެވި އެ ގަރާރު ސަރުކާރާ ހިއްސާކުރެވޭނެ އެވެ.

މިކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، ޔޫއެންޑީޕީ އާއި، އެންސީޓީސީ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން، އަދި ނެޝަނަލް ޔޫތް ކައުންސިލް ގުޅިގެންނެވެ. 

މިކޭމްޕުގެ އިތުރުން ވެސް ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީން ވަނީ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. 

އެގޮތުން ޒުވާނުންގެ ތަފާތު ހުނަރުތަށް ދައްކާލުމުގެ މަގްސަދުގައި، މިމަހުގެ 22 އިން 26 އަށް އާޓް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ޒުވާނުންގެ ގައުމީ މަޖިލިހުން އިސްނަގައިގެން، ކޮލެޖް އަދި ޔުނިވާސިޓީތަކުގެ މެދުގައި ''ޒުވާނުންނާއި ސުލްހަ މަސަލަސްކަން'' ބަހުސެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބަހުސް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. 

ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު 22 ވަނަ ދުވަސް ފާހަގަކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް