ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ އިން ރަސްދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލައިފި
މާލޭގެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އއ. ރަސްދޫގައި ގާއިމުކުރަމުންދާ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެރަށުގެ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯގެ ބޭފުޅުން މިއަދު އެރަށަށް ވަޑައިގެންފައިވާ ކަމަށާއި އަދި ކޮމިޝަން ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. 

އއ. ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫއަކީ 30 މިލިއަން ރުފިޔާއަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއުއެކެވެ. 

އެ މަޝްރޫއުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 288,6 މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، މިގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާދެވިފަ އެވެ. 

އޭގެ އިތުރުން، އާއޯ ފެސިލިޓީ ބިލްޑިން އެއް ގާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާއޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި އަދި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބެހެއްޓިފަ އެވެ. އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށާއި އެމަޝްރޫއުގެ މަސައްކަތް ނިމުމުން ރަސްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް