ads
އައްޑޫ ފްލައިން ސްކޫލު--
އައްޑޫ ފްލައިން ސްކޫލުން 4 ދަރިވަރަކު ވަކިކޮށްފި
އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު އެތަނުން ވަކިކޮށްފި އެވެ.

އެ ހަތަރު ދަރިވަރުންނަށް ފޮނުވި މެއިލްއެއް މެދުވެރިކޮށް ދަރިވަރުން ވަކިކޮށްފައިވާއިރު އެ ދަރިވަރުންނަކީ ވެސް ސްކޫލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ފެޓިޝަނުގައި ސޮއިކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންތަކެއް ކަމަށް ވެ އެވެ. 

އެ ސްކޫލުން ދަރިވަރުންތަކަކާއި މެދު ފިޔަވަޅު އެޅިއިރު ދަރިވަރުންގެ ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލާ މެދު ފިޔަވަޅު ވެސް އަޅާފަ އެވެ. 

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރިން ވަނީ ކަންބޮޑުވުންތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފަ އެވެ.

ސްކޫލް ހިންގަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާއިރު ސްކޫލަށް ވަންނަ ކޮންމެ އާ ބެޗަކަށް ފީ ސްޓްރަކްޗާ ވެސް ބޮޑުވަމުން އަންނަ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ. 

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެގޮތުން ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް