ads
އައްޑޫ ފްލައިން ސްކޫލްގެ ބޯޓްތަކެއް——ފޮޓޯ: އެޑިޝަން
ފްލައިން ސްކޫލުގެ ދަރިވަރުން ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން އެއްބަސްވެއްޖެ
އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން އެސްކޫލުން އެއްބަސްވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިރޭ "ސީއެންއެމް"އަށް ވިދާޅުވި ގޮތުގައި ދަރިވަރުން ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިއަދު އެ ސްކޫލުގެ އިސްވެރިންގެ ކިބައިން އެދިފަ އެވެ. އަދި އެ ގޮތަށް އެއްބަސްވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވެ އެވެ. 

ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކަށް އެ ސްކޫލުން މިއަދު ވަނީ ސްކޫލުން ވަކިކުރަން ނިންމާފައިވާކަން މެއިލް މެދުވެރިކޮށް އަންގާފަ އެވެ. އެ ދަރިވަރުންނަކީ ވެސް ސްކޫލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ފެޓިޝަނުގައި ސޮއިކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރުންތަކެއް ކަމަށް ވެ އެވެ. 

އެ ސްކޫލުން ދަރިވަރުންތަކަކާއި މެދު ފިޔަވަޅު އެޅިއިރު ދަރިވަރުންގެ ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލާ މެދު ފިޔަވަޅު ވެސް އަޅާފަ އެވެ. 

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރިން ވަނީ ކަންބޮޑުވުންތަކުގެ ވާހަކަ މީގެ ކުރިން ތަކުރާރުކޮށް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅާފަ އެވެ.

ފްލައިން ސްކޫލްގެ ގާތްގަނޑަކަށް 60 ޕަސެންޓު ކުދިންނަކީ ލޯނުން ނަގައިގެން ކިޔަވާ ކުދިން ކަމަށް ވެއެވެ. އެ ކުދިންނަށް ހުރުމާއި ކެއުމުގެ ހަރަދު ލިބިފައި ވަނީ ސްކޫލަށް ވަންނައިރު ހަވާލުކުރެވޭ ޕްލޭސްމެންޓްގައިވާ މުއްދަތަށް ކަމަށް ވާތީ، ކޯސް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ދަރިވަރުންގެ ލޯނު އެއްކޮށް ހުސްވެ ބައެއް ދަރިވަރުން ވަނީ ކޯސް މެދުކަނޑާލަން ވެސް ޖެހިފަ އެވެ.

އަދި ލޯނު އެއްކޮށް ހުސްވުމުން ކޯސް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް އެކިއެކި ތަންތަނުން ލޯނު ބައެއް ކުދިން ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އެގޮތުން ބާރަ މަސް އަދި 18 މަހުން ކޯސް ނިމޭނެ ކަމަށް ދަރިވަރުންނަށް އެންގި ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލުން ކޯސް ނިންމާލެވެނީ ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް