ads
ކްރިމިނަލް ކޯޓު--
ޓެރަރިޒަމާ ގުޅުން ހުރި މީހުން ރިހެބިލިޓޭޓް ކުރާ ސެންޓަރުގައި އަލަށް މީހަކު ބަންދުކޮށްފި
ޓެރަރިޒަމާ ގުޅުން ހުރި މީހުން މުޖުތަމައަށް އަލުން ނެރުމުގެ ގޮތުން ރިހެބިލިޓޭޓް ކުރުމަށް ކ. ހިންމަފުށީގައި އެޅި ސެންޓަރުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފި އެވެ.

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބަންދުކޮށްފައި ވަނީ ސީރިއާގެ ހަނގުރާމައިގައި ޓެރަރިސްޓް ޖަމާއަތަކާއެކު މަސައްކަތް ކުރުމަށް ފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭތީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިއްޔެއިން ފެށިގެން އެމީހާ ބަންދުކޮށްފައި ހުރީ އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައި ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާއިމް ކުރަން ޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމްކޮށް، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދު ކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އިއުލާނުކުރީ 22 އޮކްޓޯބަރު ގައެވެ. 

"މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށާއި އެފަދަ މީހުން ޝަރީއަތުގެ ކުރި މައްޗަށް ގެނެސް، ގާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކާ ކުރެވޭ މަސައްކަތަށާއި ޓެރަރިޒަމްގެ ބިރުވެރިކަމުގެ ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ،" އެ ބަޔާނުގައި ވެއެވެ. 

އެ މިނިސްޓްރީން ބުނީ ރާއްޖެއާ ގާތް އިސްލާމީ ގައުމުތަކާއި، ރަހުމަތްތެރި އެހެން ގައުމުތަކާއި، ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއެކު އިންސާނީ ކަރާމަތަށް ރިއާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 

ސީރިއާ ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާ އޮކްޓޯބަރު 15 ގައި ހައްޔަރުކޮށް، އެ މައްސަލަ ބަލަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ. އެ ތަހުގީގު ތެރެއިން ފުލުހުން ވަނީ ގަލޮޅުގައި އެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެ މައްސަލައާ ގުޅިގެން ވިދާޅުވީ ސީރިއާގައި ހިނގަމުންދާ ޓެރަރިސްޓް ހަމަލާތަކުގައި އެމީހާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާއަކީ ބޭރު ގައުމުތަކުގައި ހަރަކާތްތެރިވާ ދިވެހި ޓެރަރިސްޓު ހަނގުރާމަވެރިންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށެވެ. 

ހައްޔަރު ކުރުމަށް ފަހު އޮކްޓޯބަރު 16 ވަނަ ދުވަހު އެމީހާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދަށް ދިނީ ހަތް ދުވަހެވެ. ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ އިއްޔެ ވެސް އޭނާގެ މުއްދަތު މަޖިލިސް ކޯޓުގައި ކުރިއަށް ދިޔަ ކަމަށާއި ރިސްކް އެސެސްމަންޓް ހެދުމަށް 30 ދުވަހަށް އޭނާ ބަންދުކުރަން އަމުރު ކުރި ކަމަށެވެ.

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި އޭނާ ބަންދު ކުރިއިރު، ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާންދާ ދިވެހިންގެ ނިސްބަތް ގިނަ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވަނީ ވިދާޅުވެފަ އެވެ.

ޒަކަރިއްޔާ ވިދާޅުވީ ރާއްޖޭގެ މީހުން ކަމަށް ބެލެވޭ މީހުން ގެނައުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށާއި، ބޭރުން އެގޮތަށް ގެންނަ ފަރާތްތަކާ މެދު އަމަލުކުރެވޭނެ ގޮތުގެ ގާނޫނެއް އެބަ އޮތް ކަމަށާއި ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. 

މީގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 170 އެއްހާ ދިވެހިން ސީރިއާގެ ހަނގުރާމައަށް ގޮސްފައިވާ ކަމަށް ލަފާ ކުރެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް