ads
ދޯންޏަކުން ފެލިވަރަށް މަސްކިރަން ތައްޔާރުވަނީ-- ފޮޓޯ: ދިވެހި މަސްވެރިން
ބޮޑު ކަންނެލީގެ އަގު ކުއްލިއަކަށް ދަށްވުމުން މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި
ބޮޑު ކަންނެލި ގަންނަ އަގު ކުއްލިއަކަށް ތިރިކުރުމާއެކު، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި ހަފްތާ ފެށުނު އިރު، 30 ކިލޯގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 70 ރުފިޔާ އަށް ބޮޑުކޮށްފައިވާ އިރު، 18 ކިލޯއާއި 30 ކިލޯ އާއި ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 60 ރުފިޔާ އަށް ބޮޑުކޮށްފައިވެ އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ކިލޯގެ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާއަށް ދަށްކޮށްފައިވާ އިރު، 18 ކިލޯއާއި 30 ކިލޯއާއި ދެމެދުގެ ކަންނެލި ކިލޯއެއްގެ އަގު 50 ރުފިޔާ އަށް ދައްކޮށްފައި ވެއެވެ.

މީގެ ކުރިން ބޮޑު ކަންނެލި ގަންނަ އަގު އުފުލުމާއި ގުޅިގެން، މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުގެ ކިބައިން އަގު ދަށްނުކުރުމަށް އެދިފަ އެވެ.

އެކަމަކު ކުއްލިއަކަށް އަގު ދަށްވުމުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއަދު ވެސް ވަނީ އަގުތައް ތިރިވެފައި ކަމަށް މައުލޫމާތު ލިބެ އެވެ. 

ބޮޑު ކަންނެލީގެ ވިޔަފާރި ކުރާ ބައެއް ކުންފުނިތަކުން ސީއެންއެމަށް މައުލޫމާތު ދިން ގޮތުގައި އަގަށް ބަދަލު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުގެ މާކެޓުތަކުގައި މަސް ގަންނަ އަގު ދަށްވުމުގެ އިތުރުން މަސް ބޭރުކުރުމަށް ދާ ހަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. 

މީގެ އިތުރުން، ފްލައިޓްތަކުގެ އެވެއިލެބިލިޓީ ދަށްވުމުގެ ސަބަބުން މަސް ބޭރުކުރަން ދަތިވާ ކަމަށް ވެސް އެ ކުންފުނިތަކުން ވަނީ މައުލޫމާތު ދީފަ އެވެ. 

މިދިޔަ ހަފްތާގައި މޫސުން ގޯސްވެ، ކަނޑުގަދަވުމުން ވެސް މަސްވެރިކަން ދަށްވެ، އަގަށް ބަދަލު އައިސްފައިވުން އެކަށީގެންވާ ކަމަށް އެ ކުންފުނިތަކުން ބުނެ އެވެ. 

އެކަމަކު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ސީއެންއެމަށް ބުނީ މާޗް މަހުން ފެށިގެން އަގުތައް އެއް ވަރެއްގައު ހުރުމަށް ފަހު ސަޕްލައި ދަށްވުމުން އަގަށް އަސަރު ކުރާ ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން މަސް ބޭރު ކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ކުންފުނިތަކުން މަސް ގަންނަ އަގު ދަށްވާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް އެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

ބޮޑު ކަންނެލި ގަންނަ އަގު ކުއްލިއަކަށް ތިރިވި މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ ބޮޑު ކަންނެލީގެ މަސްވެރިކަން ވާނީ މާކެޓަށް ދޫކޮށްފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް