ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަފާރީ ރޭޕް: މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދޭން އެދިއްޖެ!
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ބަލައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ބަލައިދިނުމަށް، ވިކްޓަމްގެ ގާނޫނީ ވަކީލުން އެދިއްޖެ އެވެ.

ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމަުން މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެމަނިކުފާނުވެސް ހީފުޅުކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށެވެ. އެހެންނަމަވެސް އެމައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ އާއްމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއްކަން ސާފުވި ކަމަށް އިމްރާން ވިދާޅުވިއެވެ.

ކެންޔާގެ އަންހެންމީހާގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ވަކީލް ނޫރުބާން ފަހުމީ އަދި ހައްވާ ޝަފީއާ ރިޟާ ސޮއިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މިނިސްޓަރު އިމްރާން ދެއްކަވާފައިވާ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. 

ކެންޔާ އަންހެންމީހާ ދީފައިވާ ބަޔާންތަކުގައި އޭނާ މަރާނެކަމަށް ބިރުދައްކާ، "ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން" ހާމަވާކަމަށް ވަކީލުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން އެއީ އާއްމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއްކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އަނިޔާލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރެވޭކަމަށްވެސް ވަކީލުން ބުނެފައިވެ އެވެ. 

އަދި މިނިސްޓަރު އިމްރާން ދައްކަވާފައިވާ ވާހަކަތަކުން އެމަނިކުފާނުގެ ގާބިލުކަމާއި މެދު ސުވާލު އުފެދޭކަމަށާއި، އަދި މަގާމުގެ މަސްއޫލިޔަތު އަދާކުރެވޭނެ ކަމުގެ އިތުބާރު ނެތްކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ. އަދި އިމްރާންގެ ވާހަކަތަކާއި ގުޅިގެން އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު މި މައްސަލަ ތަހުގީގު ކުރެވޭނެކަމަށް އެއްވެސް ޔަގީންކަމެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ. 

އެހެންކަމުން މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ވަކީލުން ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް