ads
މިނިސްޓަރު އިމްރާން އަބްދުﷲ--
ޖިންސީ ފުރައްސާރަ ކުރުމަކީ ކުޑަކަމެކޭ ނުބުނަން: މިނިސްޓަރު އިމްރާން
ޖިންސީ ފުރައްސާރަ ކުރުމަކީ ކުޑަކަމެއްކަމަށް ނުބުނާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. 

އެގޮތުން ކުރެއްވި ޓްވީޓްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބޮޑުކަމެއް ކަމަށާއި، އެއީ ކުޑަކަމެއްކަމަށް ބުނެފައި ނުވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. 

"އަޅުގަނޑާއި ގުޅޭގޮތުން މީޑިއާގަ ފަތުރާފައިވާ ބައެއް ވާހަކަތަކުން އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ." މިނިސްޓަރު އިމްރާންގެ ޓްވީޓްގައިވެ އެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ދެއްކިވާހަކައިން އޮޅުންއަރާފަދަ ބަހެއް ބުނެވިފައިވާނަމަ އެކަމަށް މާފަށް އެދޭކަމަށެވެ. 

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެ މައްސަލަ ބެލުމުގައި މައްސަލަތަކެއް ނެތްކަމަށް ނުބުނާނެ ކަމަށާއި އެހެންނަމަވެސް އާއްމުންގެ ތެރޭގައި ދެކެވޭ ކަަހަލަ ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށެވެ. އަދި ރޭޕް ކޭސް އެއް ހިނގައިގެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ނޭޅި ކަމަށް ނުބުނެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަށް އެކަމަކު އާންމުންގެ ތެރޭގައި މި ވާހަކަ ދެކެވޭ ކަހަލަ ބޮޑު ރޭޕް ކޭސްއެއް އަސްލުގައި އެޔަކު ނެތް. މިއީ ހަގީގަތަކީ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ ކެންޔާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް