ads
މެމްބަރު ޔައުގޫބް އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޔައުގޫބް މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:45 ކަށެވެ. 

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔައުގޫބް މަޖިލީހަށް ހާޒިރުވުން ހުއްޓުވައި ދިނުމަށް އެދި ހުށަހަޅާފައިވާ ވަގުތީ އަމުރު ނުދިނުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފަ އެވެ. 

އެދުވަހުގެ ޝަރީއަތުގައި ދައުވާކުރާ ފަރާތުންނާއި ޔައުގޫބްގެ ފަރާތުން މައްސަލައަށް ޖަވާބުދާރީ ވެފައިވާއިރު، ޔައުގޫބްގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. އަދި ރ. ގައި ތަފާތުތަކެއް ވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަންކަމަށް ބެލުމުން ޔައުގޫބްގެ މެމްބަރުކަން ނުގެއްލޭނެކަން ހާމަވާ ކަމަށާއި، އެކަމަށް ބާރުދެއްވާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ޔައުމިއްޔާތަކަށް އަލިއަޅުވާލައްވާ މަހުފޫޒު ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުން ވަނީ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ ސުވާލުތައް ކުރައްވާފަ އެވެ. އަދި ދެން އަންނަ އަޑުއެހުމަކަށް އެ ސުވާލުތަކަށް ތައްޔާރުވެވަޑައިގެން ހާޒިރުވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

"އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމާއި އެކު އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަ ބޮޑުވުމުން ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް