ads
މީރާ-- ފޮޓޯ: ޕީއެސްއެމް
މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެއްޖެ
މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް އެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާ ގުޅިގެން މީރާއިން ވަނީ 2019 ވަނަ އަހަރު ލިބުނު އާމްދަނީގެ ޑޭޓާ ހިމެނޭ "ސްނެޕްޝޮޓް ސްޓެޓިސްޓިކްސް" ރިޕޯޓެއް ނެރިފަ އެވެ. 

އޭގައިވާ ގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 7.871 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ކުރީ އަހަރު ލިބިފައި ވަނީ 7.331 ބިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި މިދިޔަ އަހަރު 2.379 ބިލިއަން ރުފިޔާ ލިބފައިވާ އިރު، އޭގެ ކުރީ އަހަރު 2.137 ބިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި މީރާއަށް ލިބިފައި ވެއެވެ.

މިދިޔަ އަހަރު އާންމު ފަރާތްތަކުން މީރާއަށް ޖީއެސްޓީގެ ގޮތުގައި 2.847 ބިލިއަން ރުފިޔާ ދައްކާފައިވާ އިރު، އޭގެ ތެރެއިން މާލޭ ސިޓީއިން ޖީއެސްޓީގެ ގޮތުގައި 2.686 ބިލިއަން ރުފިޔާ ދައްކާފައި ވެއެވެ. އެއީ 94.34 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން އާންމު ފަރާތްތަކުން ޖީއެސްޓީ ދައްކާފައިވާ އައްޑޫ ސިޓީއިން 51.52 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވާ އިރު، އެއީ 1.81 އިންސައްތަ އެވެ.

ޓޫރިޒަމް ސެކްޓާ އިން މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި 327.97 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ އިރު، އެންމެ ގިނައިން ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް ފައިސާ ލިބިފައިވަނީ ކ. އަތޮޅުން 86.01 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ 38.1 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ޓީޖީއެސްޓީގެ ގޮތުގައި އދ. އަތޮޅުން 25.5 މިލިއަން ޑޮލަރު ލިބިފައިވާ އިރު، އެއީ 9.9 އިންސައްތަ އެވެ.

ބީޕީޓީގެ ގޮތުގައި މީރާއަށް މިދިޔަ އަހަރު 2.379 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެންމެ ގިނައިން ބީޕީޓީގެ ގޮތުގައި މީރާއަށް ފައިސާ ލިބިފައި ވަނީ ރީޓެއިލް ދާއިރާއިން 372.92 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރަށް ވުރެ 4.34 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އިޖުތިމާއީ ދާއިރާއިންނާއި، މެނުފެކްޗަރިންގެ ދާއިރާއިން ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް