ads
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ---
މާމެންދޫ އިސްމެޖިސްޓްރޭޓް ޝުކޫރު މަގާމުން އިސްތިއުފާ ދެއްވައިފި
ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ، އަދި މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ޝުކޫރާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަތައް ސާބިތުވުމާ ގުޅިގެން، ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، 25 އޮކްޓޫބަރު 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މިއަދު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އިސްތިއުފާގެ ސިޓީ ފޮނުވުމުން ޝުކޫރު މަގާމުން ވަކިވީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ، އޭނާ އާއި ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ކޯޓުގައި ހިނގި ދުވަހު، ހައްޔަރުކޮށްފައިވާ ފަރާތުގެ ގާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުވެ، ވަލީކު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވިލިނގިލީ ގެއެއްގެ ތެރޭގައި، ކުރީގެ ފަނޑިޔާރުންތަކަކާއެކު ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް ވާހަކަދައްކާފައިވުމާއި، އަދި ހަމަ އެ އަހަރު، ވިލިނގިލީ ކެފޭއެއްގެ ތެރޭގައި ސިޔާސީ ވާހަކަ ދައްކައި ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބަޔެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ. 

އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމިއިރު، އޭނާގެ އިތުރު މައްސަލަތަކެއް ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ ކޯޓު އަމުރު ދިނުމަށް ފަހު ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކްވެފައި އޮންނަ މައްސަލަ އާއި، މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ މައްސަލަ އާއި، ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް