ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދަރަނި ނުދެއްކޭނެ ކަމަށް ބުނުމުން ހަރުމުދާ ބަލާ ނާންނާނެ: ނަޝީދު
ގައުމުތަކުން ނަގާފައިވާ ދަރަނިތައް ޝެޑިއުލާ އެއް ގޮތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ބުނަން ޖެހޭ ކަމަށާއި އޭރުން ހަރުމުދާ ބަލާ އެ ގައުމުތަކުން ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުން ލަދާ ދޭ ގޮތަށް ދަރަނިތައް ރީސްޓްރަކްޗާ ކުރެވޭނެ ކަމަށާއި ޝެޑިއުލާ އެއް ގޮތަށް އަނބުރާ ނުދެއްކޭނެ ކަން ގައުމުތަކަށް އަންގަން ޖެހޭ ކަމަށެވެ. 

"ބޭންކްތަކަށް މިއޮތީ ދެ ގޮތް. އެއްގޮތަކީ ހަރުމުދާ އަނބުރާ ދެހެރޭ. އެ ބަލާ އައުން. ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގައުމުތަކާއެކު މަޝްވަރާ ފެށޭނީ ޝެޑިއުލާ އެއްގޮތަށް ނުދެއްކޭނެމ ކަން ސާފުކޮށް ބުނުމުން ކަމަށެވެ. ބާބޭޑޮސް މިސާލެއްގެ ގޮތުގައި ދައްކަވަމުން ނަޝީދު ވިދާޅުވީ އެގައުމުން ވެސް ދަރަނި ނުދެއްކޭނެ ކަމަށް ބުނުމުން މަޝްވަރާކޮށްގެން މާލީ ހާލަތު ރަނގަޅުވި ކަމަށެވެ. 

ދަރަނި ނުދެއްކޭނެ ކަން އެންގުމުން ހަރުމުދާ ބަލާ ގައުމުތަކުން ނާންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، އެމަނިކުފާނު މީގެ ކުރިން ވާހަކަދައްކަވާފައި ވަނީ ދަރަނިތަކުގެ މައްސަލާގައި ޗައިނާއަށް ރާއްޖޭގެ ރަށްތައް ދޭން ޖެހިދާނެ ފަދަ މޭރުމަކުންނެވެ. 

ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ޖުމްލަ ދަރަނި ހުރީ 172 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. ދަރަނިތަކާ ގުޅިގެން 10 ކަމެއް ކުރަން ސަރުކާރަށް ލަފާ ދިނުމަށް އެ ރިޕޯޓުގައި ވާއިރު، އޭގެން އެއް ކަމަކީ ދަރަނިތައް ރީސްޓްރަކްޗާ ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް