ads
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެމެރިކާ އާއެކު މަޝްވަރާ ކުރަނީ
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި މަޝްވަރާ ކުރައްވަން ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މާދަމާ މަޝްވަރާ ކުރެވޭނެ ކަމަށެވެ. 

އޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމާއި ޓެރަރިޒަމާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެ އާއި އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

ނަމަވެސް މާދަމާގެ ބައްދަލުވުންތަކުގައި ދެ ގައުމުން އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޕޮމްޕިއޯގެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކަށް ފަހު ޝާހިދު އާއި ޕޮމްޕިއޯ ދެއްވާ ޖޮއިންޓް ޕްރެސް ބްރީފިން އޮންނާނެ އެވެ. ދެ ގައުމުގެ މަޝްވަރާތަކާ ބެހޭ ތަފްސީލް ދެއްވާނީ އެ ބްރީފިން ގައެވެ. 

ޕޮމްޕިއޯގެ މި ދަތުރަކީ ކޮންމެ އަހަރަކު އިންޑިއާގައި އޮންނަ "ޔޫއެސް-އިންޑިއާ 2+2 މިނިސްޓީރިއަލް ޑަޔަލޮގް" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އޮކްޓޯބަރު 25 އިން 31 އަށް އޭޝިއާއަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިއާ އަށް ވެސް ވަޑައިގަންނަވަން ހަމަޖެހިފައި ވެއެވެ. 

ޕޮމްޕިއޯ މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ މަހު ރާއްޖެ އާއި އެމެރިކާއިން ވަނީ ސަލާމަތާއި ދިފާއީ ކަންކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޒް ވިދާޅުވީ އޭގެ ސަބަބުން އިންޑޯ ޕެސިފިކް އެލަޔަންސް އާ ރާއްޖެ ގުޅުމަށް މަގުފަހިވާނެ ކަމަށެވެ.

އިންޑޯ ޕެސިފިކް އެލަޔަންސަކީ އިންޑިއާ އަދި ޕެސިފިކް ކަނޑުގައި ޗައިނާގެ ނުފޫޒު ފެތުރުނު ނުދިނުމަށް އެމެރިކާއިން އިސްނަގައިގެން އުފައްދާފައިވާ އެލަޔަންސެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް