ads
ޔައުގޫބް މައްސަލައިގެ ޝަރީއަތުގެ ތެރެއިން--
ޔައުގޫބްގެ މެމްބަރު ކަމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްސަދު ޝަރީފެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅުއްވި ދެ ފަރާތާއި ޔައުގޫބްގެ ފަރާތުން ވަނީ ފަނޑިޔާރުން ކުރީގެ ޝަރިއަތުގެ މަޖިލީހުގައި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އަދި މިއަދުގެ ޝަރީއަތުގައި ވެސް ފަނޑިޔާރުންގެ ސުވާލުތަކަށް ދެފަރާތުން ޖަވާބު ދެއްވާފައިވެ އެވެ. 

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން އިއުލާނު ކޮށްފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ މި މައްސަލައިގައި ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ކަމަށް ވިދާޅުވި އެވެ.  

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ:

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

"އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމާއި އެކު އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަ ބޮޑުވުމުން ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް