ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ވެންޓިލޭޓަރު މައްސަލަ: ޕީޖީ ހުށަހެޅި މައުލޫމާތު ސިއްރު ވުމުން ކޮމިޓީ ސިއްރުކޮށްފި
ވެންޓިލޭޓަރު މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލާއި އެކު ބައްދަލުކުރުމަށް ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ ސިއްރު ކޮށްފި އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޕީޖީ ހިއްސާކޮށްފައިވާ މައުލޫމާތު ތަކަކީ ސިއްރު މައުލޫމާތުތަކުގެ ގޮތުގައި ހުށަހަޅާފައިވާ އެއްޗެހި ކަމަށެވެ. 

ޕީޖީގެ ލިޔެކިޔުންތައް ސިއްރުވުމުން ކޮމިޓީ މެމްބަރު ހަސަން ލަތީފް ވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށަހަޅާފަ އެވެ. އަދި އެގޮތަށް ކޮމިޓީގެ މެމްބަރުން ތާއީދު ކުރެއްވުމުން ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.  

ވެންޓިލޭޓަރުގެ މައްސަލަ އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގުކޮށް ދައުވާ ކުރުމަށް އެދި ފޮނުވުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ހިޔާލު ތަފާތުވެ އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައި އޮތުމުން، އެކަން އިތުރަށް ބެލުމަށް ޖުޑިޝަރީ ކޮމިޓީއާއި ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ޖުޑިޝަރީ ކޮމިޓީން ވަނީ މި މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ވީހާވެސް އަވަހަށް ބަލާ، އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް ނިންމާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން ވަނީ ބުނެފައެވެ. އެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ޕީޖީ އަށް ފޮނުވިއިރު ޕީޖީން ނިންމެވީ އެ މައްސަލައިގައި ދައުވާ ނުކުރުމަށެވެ. ޕީޖީ ހުސައިން ޝަމީމް އެ މައްސަލައާއި ގުޅޭގޮތުން ވިދާޅުވީ، އެ މައްސަލައިގައި އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކަށް ބިނާކޮށް މީހަކަށް ދައުވާއެއްކުރާ ވަރަށް އަދި ސާބިތުކޮށްދެވޭވަރަށް ހެކި ނެތްކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް