ads
ޖެންޑާ މިނިސްޓްރީ ދޮށުގައި މީހުން މުޒާހަރާކުރަނީ--
އުތުރުގެ ރަށެއްގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ބަލަނީ
ރާއްޖޭގެ އުތުރުގެ ރަށެއްގައި ފިރިއަކު އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ދިން އަނިޔާގެ ސަބަބުން އިތުރު ފަރުވާއެއް އެހެން ރަށަކަށް ވެސް އޭނާ ގެންގޮސްފައި ވެއެވެ.

ގެވެށި އަނިޔާގެ މި މައްސަލާގައި އަންހެން މީހާގެ ނިތްކުރި މަތި ފަޅާލައި، ފައި އިނގިލިތައް ބިންދައިގެން ގޮސް، ކަރު ދުޅަވުމުން ކާން އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ވެއެވެ. 

އެ ރަށުގައި މިފަދަ މައްސަލައެއް ދިމާވެގެން އުޅޭ ކަން ރަށުގެ ކައުންސިލް މެމްބަރަކު ވަނީ ސީއެންއެމަށް ކަށަވަރުކޮށްދީފަ އެވެ. 

އިއްޔެ ފިރިހެން މީހާއާ ދެކޮޅަށް ބަޔަކު ރަށުގައި އިހްތިޖާޖް ކުރި ކަމަށް ހަބަރު ފެތުރުނު ނަމަވެސް، އެފަދަ ކަމެއް ހިނގި ކަން އެނގިފައި ނުވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. 

މި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން ދާއިރު، މި އަހަރުގެ ޖުލައި އިން ސެޕްޓެމްބަރަށް ތިންވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން ގެެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ޖުމްލަ 242 މީހަކު ރިޕޯޓްކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 182 އަންހެނުންނާއި 60 ފިރިހެނެކެވެ.  

އަނިޔާ ލިބުނު މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ އަދަދު 150 އަށް އަރާއިރު 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އުޅެނީ 92 ގަ އެވެ. 

އޭގެ އިތުރުން އަނިޔާގެ މައްސަލަތައް ރިޕޯޓްކުރެވުނު އަތޮޅުތަކަށް ބަލާއިރު ހއ. އަތޮޅާއި ރ. އަދި މ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ވެސް އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ. 

އަދި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަނީ މާލެ އިންނެވެ. އެގޮތުން މާލެއިން 126 މައްސަލައެއް ރިޕޯޓްކުރެވިފައިވާއިރު އައްޑޫ އަތޮޅުން ވަނީ 16 އަދި ފުވައްމުލަކުން 14 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް