ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
އިސްލާމްދީނަށް ކުރާ ފުރައްސާރަ އިތުރުވާތީ ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ބޭއިހްތިރާމްވާ ގޮތަށް ދެކެވޭ ވާހަކަ އާއި ހިންގޭ އަމަލުތައް އިތުރުވަމުންދާތީ ރާއްޖެއިން އެކަން ކުށްވެރިކޮށް އަދި ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް ދީނާއި މުސްލިމުންގެ ރަސޫލާއަށް އަމާޒުކޮށް ކުރާ މަސައްކަތްތަކަކީ ސީދާ ހޭޓް ސްޕީޗް ނުވަތަ ބަޔަކާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ މަގްސަދުގައި ދައްކާ ވާހަކަ ކަމަށެވެ. 

"އިސްލާމް ދީނާއި މުސްލިމުންގެ ރަސޫލާ ކުޑައިމީސްކޮށް، ބޭއަދަބީކޮށް ދެކެވޭ ވާހަކަތައް އަދި ލިޔުންތައް އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބޭ ހައްގެއް ކަމަށް ދިވެހިރާއްޖެއިން ނުދެކެން،" އިސްލާމް ދީނާ ދެކޮޅަށް ފަރަންސޭސިވިލާތުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ރާއްޖެއިން ނެރުނު ބަޔާނުގައި ވެ އެވެ. 

ދިވެހިރާއްޖެއިން ނެރުން ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވައިގެން ދެކެވޭ އެއްވެސް ވާހަކައެއް ބަލައިނުގަންނާނެ ވާހަކަ ބުނެފަ އެވެ. 

"ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ވެސް ރާއްޖެއިން ކުށްވެރި ކުރަން. އަދި އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ. ނަމަވެސް އަމާން ކަމުގެ ދީން ކަމަށްވާ އިސްލާމް ދީނާއި ޓެރަރިޒަމާއި ގުޅުވައިގެން ދެކެވޭ އެއްވެސް ވާހަކައެއް ރާއްޖެއިން ބަލައެއްނުގަންނަން،" އެ ބަޔާނުގައިވެ އެވެ. 

ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ރާއްޖެއިން އިހްތިރާމް ކުރި ނަމަވެސް އެ މިނިވަންކަމުގެ ނަމުގައި ހައްދުފަހަނައެޅުން ބަލައިނުގަނެވޭނެ ކަމަށް ވެސް ރާއްޖެއިން ބުނެފައިވެ އެވެ. 

"ދިވެހިރާއްޖެއަކީ އިސްލާމްދީނުގެ މަސްދަރުތަކުގެ ހިފަހައްޓައިގެން ދިރިއުޅޭ މުޖްތަމައަކަށްވީ ހިނދު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އިންސާނީ ހައްގެއްގެ ގޮތުގައި ހިފެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ. ދީނުގެ ނަމުގައި ނުވަތަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ނަމަވެސް، އެއްވެސް ބާވަތެއްގެ ހައްދުފަހަނައެޅުމަކާ ރާއްޖެއިން ދެކޮޅު،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް