ads
ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުން ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ
މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓްކުރި އަނިޔާގެ މައްސަލަތައް ބޮޑުތަނުން އިތުރުވެއްޖެ އެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އާންމުކުރި ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން ތިން ވަނަ ކުއާޓަރުގައި ގެެވެށި އަނިޔާގެ ޝިކާރައަކަށްވެގެން ޖުމްލަ 242 މީހަކު ރިޕޯޓްކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 182 އަންހެނުންނާއި 60 ފިރިހެނެކެވެ.  

އަނިޔާ ލިބުނު މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ އަދަދު 150 އަށް އަރާއިރު 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އުޅެނީ 92 ގަ އެވެ. 

އޭގެ އިތުރުން އަނިޔާގެ މައްސަލަތައް ރިޕޯޓްކުރެވުނު އަތޮޅުތަކަށް ބަލާއިރު ހއ. އަތޮޅާއި ރ. އަދި މ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ވެސް އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ. 

އަދި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަނީ މާލެ އިންނެވެ. އެގޮތުން މާލެއިން 126 މައްސަލައެއް ރިޕޯޓްކުރެވިފައިވާއިރު އައްޑޫ އަތޮޅުން ވަނީ 16 އަދި ފުވައްމުލަކުން 14 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. 

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓްކުރި މައްސަަލަތަކުގެ ތެރޭގައި ހިމެނެނީ ޖިސްމާނީ އަނިޔާކުރުމާއި ޖިންސީ އަނިޔާ ކުރުން އަދި ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމާއި މާލީގޮތުން ނުވަތަ އިގްތިސޯދީ ގޮތުން ދަތިކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ. 

އޭގެ އިތުރުން ބިރު ދެއްކުމާއި ގޯނާކުރުން އަދި ފާރަލުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ. 

އެ ތަފާސްހިސާބުތަކަށް ބަލާއިރު 18 އަހަރުން ދަށުގެ ކުދިންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުމާއި ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އަދި 18 އަހަރުން މަތީގެ މީހުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް